12 ޖޫން 2018 - 23:40

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް، އެސްޓީއޯ އިން 26 ކްލަބް/ޖަމިއްޔާއަކަށް ޕްރޮޖެކްޓަރު ދީފި އެވެ.

މާބްލް ހޮޓަލުގައި މި ރޭ ބޭއްވި ރަަސްމިއްޔާތެއްގައި އެ ޖަމިއްޔާތަކަށް ޕްރޮޖެކްޓަރު ހަވާލުކޮށް ދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.
ޝަހީރު ވިދާޅުވީ، މިއީ އެ ކުންފުނީގެ ކޯޕަރޭޓް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ކްލަބްތަކަށް ދިން ޕްރޮޖެކްޓަރުތަކެއް ކަމަށެވެ. އަދި މީގެ ސަބަބުން ގިނަ ބަޔަކަށް، ވޯލްޑް ކަޕުގެ ފޯރީގައި ބައިވެރިވެވޭނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ބުނީ މި ރޭ ޕްރޮޖެކްޓަރު ހަވާލުކުރީ، ޕްރޮޖެކްޓަރު ބޭނުންވެގެން އެސްޓީއޯގައި އެދިފައިވާ ކްލަބްތަކަށާއި ޖަމިއްޔާތަކަށް ކަމަށެވެ. އަދި އެ ތަންތަނަށް ދިނީ އެސްޓީއޯ އިން ވިއްކާ ހިޓާޗީ ބްރޭންޑުގެ ޕްރޮޖެކްޓަރު ކަމަށް އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ހަވާލުކުރީ ޕްރޮޖެކްޓަރު އެކަނި. މިއިން ވަރަށް ގިނަ ބަޔަކަށް އެއް ތަނަކަށް އެއްވެ، ފޯރި ގަދަކޮށް މެޗުތައް ބޮޑު ސްކްރީނުން ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ވޯލްޑް ކަޕްގެ ފޯރި ގަދަވެފައިވާ އިރު، އެސްޓީއޯ އިން ޕްރޮޖެކްޓަރު ދިނީ މާލޭގެ އިތުރުން ރަށްރަށުގައި ހިންގާ ބައެއް ފުޓްބޯޅަ ކްލަބްތަކަށާއި ޖަމިއްޔާތަކަށެވެ.