މޮނިކޮން އަމުރަކާ ޚިލާފްވެގެން ފުރަތަމަ ފަހަރަށް މީހަކަށް ދައުވާކޮށްފި
މޮނިކޮން އަމުރަކާ ޚިލާފްވެގެން ފުރަތަމަ ފަހަރަށް މީހަކަށް ދައުވާކޮށްފި

މޮނިކޮން އަމުރަކާ ޚިލާފްވެގެން ފުރަތަމަ ފަހަރަށް މީހަކަށް ދައުވާ އުފުލައިފި އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މުޖްތަމައަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ މީހުން މޮނީޓާކޮށް، އުޅޭ ނުޅޭ ގޮތް ބެލުމަށް ނެރޭ މޮނިކޮން އަމުރާ ޚިލާފްވެގެން ދައުވާ އުފުލާފައި ވަނީ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސައިންގެ މައްޗަށެވެ. މިއީ މިދިޔަ އަހަރުގެ ފަހުކޮޅު ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ވުޖޫދަށް އައި ފަހުން ކުރި އެފަދަ ފުރަތަމަ ދައުވާ އެވެ.

މަފާޒުގެ މައްޗަށް މޮނިކޮން އަމުރު ނެރެފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

އެ އަމުރާއި ޚިލާފްވި މައްސަލާގައި މަފާޒުގެ މައްޗަށް ދައުވާ އުފުލައި، މިދިޔަ ހޯމަ ދުވަހު ވަނީ އޭނާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައިފަ އެވެ. މޮނިކޮން އަމުރަކާ ޚިލާފްވުމަކީ ގިނަވެގެން 18 މަސް ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ގޭ ބަންދުގެ ހުކުމެއް އަންނާނެ ކުށެކެވެ.

މޮނިކޮން އަމުރެއް އައިސްފައިވާ މީހަކު އެފަދަ އަމުރަކާ ޚިލާފްވެއްޖެ ނަމަ އެ މައްސަލައެއްގެ ތަހުގީގާއި ޝަރީއަތް ނިމެންދެން އެ މީހަކު ބަންދުގައި ބަހައްޓަން ހޯމް މިނިސްޓަރު ކޯޓުގައި އެދިއްޖެ ނަމަ އެގޮތަށް އަމުރު ކުރަން ގާނޫނު ލާޒިމް ކުރެއެވެ. އެހެންވެ އަމުރާއި ޚިލާފްވި މައްސަލާގައި މަފާޒު ވެސް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މިނިސްޓަރުގެ އެދުމަށް ހައި ކޯޓުން ނެރޭ މޮނިކޮން އަމުރުގެ ދަށުން މީހުންގެ ފައިގައި ޓެގް އެޅުވުމާއި ވަކި ވަގުތެއްގައި ގެއިން ބޭރުގައި އުޅުން މަނާ ކުރުމާއި އެ މީހެއްގެ މުވާސަލާތީ ވަސީލަތްތައް ބެލުމާއި މޮނީޓާ ކުރުމާއި ވަކި ތަނަކަށް ނުވަތަ ވަކި ސަރަހައްދަކަށް ދިއުން މަނާ ކުރުމުގެ ބާރު ފުލުހުންނަށް އޮވެއެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެ، އެ މީހުންގެ ފައިގައި ޓެގް އަޅުވާފައިވެ އެވެ. އެކަމަކު އޭގެ ތެރެއިން ބައެއްގެ މީހުންގެ ފައިގައި އެޅުވި ޓެގްތައް ފަހުން ވަނީ ނައްޓާލައިފަ އެވެ.