14 ޖޫން 2018 - 08:43

މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއެއްގައި ފެންނަނީ އިންޑިއާގެ ފިރިހެނަކު ކައިވެނިީގެ ހަފުލާއެއްގައި ވަރަށް ޝައުގުވެރިކަމާ އެކު ނަށާ ތަނެވެ. އެތައް ބައެއްގެ ލޮލުގައި އޭނާ އަޅައިގަތީ، އޭނާ ހުރި ސިފައިގެ ގޮތުން ކަމަށް ވެދާނެ އެވެ.
ބަރުހެލިކޮށް ފެނުނަސް މި މީހާ ނަށާ ތަން ފެނިފައި އެތައް ބަޔަކު އަންތަރީސްވި އެވެ.
އޭނާ ހަރަކާތްތައް ގެންގުޅޭ ގޮތާއި ބީޓްތަކަށް ގެންނަ ޝައުގުވެރި ހަރަކާތްތަކުން މިއީ ޕްރޮފެޝަލް ޑާންސަރެކޭ ހީވެދާނެ އެވެ. އެހާ ވެސް އޭނާ ކުޅަދާނަވެފައި މޮޅެވެ.
ގޯވިންދާގެ ފިލްމެއް ކަމަށްވާ 1987 ގެ "ޙުދްގަރްޒް" ގެ ލަވައެއް ކަމަށްވާ "އާޕް ކެ އާޖާ ނޭ ސޭ" އަށް އޭނާ ނެށި ތަން ފެންނަ ވީޑިއޯ ވައިރަލްވުމާ އެކު މިއީ ކާކުތޯ އާއި ކީއް ކުރާ މީހެއްތޯ ބެލުމުގެ ޝައުގުވެރިކަން މީޑިއާތަކުގެ މެދުގައި ވެސް ބޮޑުވި އެވެ.
އަނެއްކޮޅުން އޭނާގެ ނަށާ ވީޑިއޯ ބަލައިގެން އެ ސްޓެޕްތައް ކޮޕީކޮށްގެން އެހެން މީހުން ނަށާފައި، ވީޑިއޯކޮށް ސޯޝަލް މީޑިއާ އަށް ދޫކޮށްލާ ކްލިޕްތައް ވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ.
ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސަންޖީވް ޝްރިވަސްތަވާގެ ނެށުމާ ބެހޭ ގޮތުން ގޯވިންދާ ބުނީ ވީޑިއޯ ފެނިފައި އޭނާ ވެސް ކޮސްވި ކަމަށެވެ. އަދި ސްޓެޕްތައް އޭނާ ހަދައިލާ ގޮތް ބަލައިލަން ފަސޭހަވެފައި ވަރަށް ވެސް މޮޅު ކަމަށް ބުންޏެވެ. ގޯވިންދާ ބުނީ ޝްރިވަސްތާއަކީ ނެށުމުގެ އަސްލު ހުނަރު ގުދުރަތީ ގޮތުން ލިބިފައިވާ މީހެއް ކަމަށެވެ. އަދި އެ ހުނަރު ދައްކައިލަން އޭނާ އަށް ހިތްވަރު ދޭ ކަމަށް ބުންޏެވެ.
ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު ގަނޭޝް އަޗަރިއާ ވެސް ސަންޖީވްގެ ހުނަރަށް ތައުރީފުކޮށްފައިވެ އެވެ.
ކުއްލިއަކަށް އެތައް ބައެއްގެ ސަމާލުކަން ލިބި އޭނާ މިހާރު މަޝްހޫރުވެފައި ވަނީ "ޑާންސިން އަންކަލް" ގެ ނަމުންނެވެ.
ސަންޖީވް މީހަކާ އިނދެގެން ދެ ދަރިން ވެސް އެބަ ތިއްބެވެ. ސޯޝަލް މީޑިއާގައި އޭނާގެ ވީޑިއޯ ވައިރަލްވެ އިންޑިއާގެ މަޝްހޫރު ޓީވީ ޗެނެލް ސޮނީގެ ސްކްރީނާ ހަމައަށް ވެސް އޭނާ މިހާރު އަތުވެއްޖެ އެވެ.
ސަލްމާން ހޯސްޓްކޮށް ދޭ ޝޯ "ދަސް ކާ ދަމް" ގެ ޕްރޮމޯއެއްގައި މިހާރު ވަނީ ސަންޖީވް ހިމަނައިފަ އެވެ. އޭނާ ނަށާ ތަން ފެނިފައި ސަލްމާން ވެސް ހުންނަނީ ހީހީ ވަރުބަލިވާ ވަރުވެފަ އެވެ.
ސަންޖީވް ދިން އިންޓަވިއުއެއްގައި ބުނީ ވަރަށް ކުރިއްސުރެ ވެސް ވަރަށް ނަށާ ކަމަށެވެ. ކިޔަވަން އުޅުނު އިރު ކޮލެޖްގެ އެކި އިވެންޓްތަކާއި ފަހުން މަސައްކަތުގެ މާހައުލަށް ނުކުމެ އޮފީހުގެ އިވެންޓްތަކުގައި ވެސް ނަށާފައި ހުންނާނެ ކަމަށް ބުންޏެވެ.
"މިއީ ވަރަށް ކުރިއްސުރެ ވެސް އަހަރެން ކުރާ ކަމެއް. ހުންނާނެ ވަރަށް ގިނަ ރައްޓެހިންނާއި އާއިލާތަކުގެ މީހުންގެ ކައިވެނީގެ ހަފުލާތަކުގައި ވެސް ނަށާފައި،" ސަންޖީވް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކުރިން އޭނާގެ ހުނަރު އެހާ ބޮޑަށް އާންމުންގެ ސަމާލު ކަމަށް އައިސްފައި ނެތީ ސޯޝަލް މީޑިއާ އޭރު ނެތުމުންނެވެ.
"މިހާރުވާ ގޮތަކީ މިހެން ކޮށްލާ ކަމެއް ވީޑިއޯކޮށްލާފައި އާންމުކޮށްލީމަ އެތައް ބަޔަކަށް އެބަ ފެނިގެންދޭ،" ސަންޖީވް ބުންޏެވެ. "އެއީ ކަންނޭނގޭ މި އައި ތަފާތަކީ."
އޭނާގެ އަންހެނުން ވެސް ބައެއް ފަހަރު ޝްރިވަސްތާއާ އެކު ނަށަ އެވެ. އެކަމަކު ފިރިމީހާ ނަށާހާ މޮޅަށް ނަށަން ނޭނގޭ ކަމަށް ބުންޏެވެ.
"އެކަމަކު މިހާރު ވަރަށް އުފާވޭ އެތައް ބައެއްގެ ސަމާލުކަން އޭނަ އަށް ހުއްޓުނީމަ،" އޭނާ ބުންޏެވެ.
ފުލުފުލުގައި މިހާރު ސަންޖީވް އަންނަނީ އެކި ކަހަލަ ލަވަތަކަށް ނަށައި ވީޑިއޯ އާންމު ކުރަމުންނެވެ. ޔޫޓިއުބް ހާވާލައިފި ނަމަ، ކިތަންމެ ވީޑިއޯއެއް މިހާރު ފެންނާނެ އެވެ.