މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލީހުގެ އިދާރާ އިން މިއަދު ހުޅުވާލައިފި އެވެ.

މަޖިލީހުގެ އަމީން އާންމުގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު މިދިޔަ ފެބްރުއަރީ މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމު މިއަދާ ހަމައަށް ވެސް އޮތީ ހުސްކޮށެވެ. އެހެންވެ، އެ މަގާމުގެ މަސްއޫލިއްޔަތުތައް މިހާރު އަދާ ކުރައްވަނީ އަމީން އާންމުގެ ނައިބެވެ.

މަޖިލީހުގެ ވެބްސައިޓްގައި މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، އަމީން އާންމު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެ މަގާމުގެ ތައުލީމީ ޝަރުތަކީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކޮށްފައި ވުމާއި މަޖިލީހަށް ގާނޫނީ ލަފާ ދެވޭ ފެންވަރުގެ މީހަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 25 އަހަރު ފުރިފައި ވުމަކީ ވެސް ޝަރުތެކެވެ.

އަމީން އާންމަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 55،000ރ. ލިބޭނެ އެވެ.

އަމީން އާންމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު، ދާދިފަހުން މަޖިލީހުން ވަނީ އަމީން އާންމުގެ އެހީތެރިޔާގެ މަގާމަށާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.