12 ޖޫން 2018 - 15:29

އަންނަ ބުރާސްފަތި ދުވަހު ފަށާ މި އަހަރުގެ ފުޓުބޯޅައިގެ ބޮޑު އީދު، ވޯލްޑް ކަޕް ދިވެހިންނަށް އެންމެ ފުރިހަމަ އަށް ތަޖުރިބާ ކޮށްދިނުމަށްޓަކައި "އުރީދޫ ވޯލްޑް ކަޕް ފޯރި" ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގައި، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ސްމާޓް ފޯން މެދުވެރިކޮށް ވޯލްޑް ކަޕް ސްޓްރީމް ކޮށް ބެލޭނެ ކަމަށެވެ. އަދި ވޯލްޑް ކަޕް ސްޓްރީމިން އަށް ޚާއްސަ ކޮށްގެން އުރީދޫން ވަނީ 195ރ. ގެ ޑޭޓާ ޕެކޭޖެއް ތައާރަފު ކޮށްފަ އެވެ. އުރީދޫން ބުނިތޮގުގައި، އެ ޑޭޓާ ޕެކޭޖު ބޭނުން ކޮށްގެން، ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ބެލޭނެ އެވެ. ޕެކޭޖް ނެގޭނީ ވޯލްޑް ކަޕް ފެށޭ ދުވަހު އެވެ.
ވޯލްޑް ކަޕާ ދިމާކޮށް އުރީދޫން ތައާރަފް ކުރި ޕްރޮމޯޝަންތަކާ އެކު، ފުޓުބޯޅަ އަށް ރާއްޖޭގައި އޮތް ފޯރި އަށް އިތުރު ފުރިހަމަ ކަމެއް ލިބޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ ނަޖީބް ހާން ރޭ ވިދާޅުވި އެވެ.
"ރާއްޖެ އަށް އެންމެ ފުރިހަމަ ގޮތުގައި ވޯލްޑް ކަޕް ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް އަޅުގަނޑުމެން ވަރަށް އިސްކަން ދެން. އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، ކަސްޓަމަރުން ކޮންމެ ތަނެއްގައި ތިބެގެން ވެސް ވޯލްޑް ކަޕް ބަލާލަން ލިބި، މި މުބާރާތާ ގުޅޭ ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނެ،" ޕްރޮމޯޝަންތައް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޖީބް ވިދަޅުވި އެވެ.
ފީފާ ވޯލްޑް ކަޕް ފެންޓަސީގެ، އުރީދޫ ލީގްގައި ބައިވެރިވެގެން، އެއް ވަނަ ހޯދާ މީހަކަށް އެންމެ ފަހުގެ އައިފޯން 10 ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެ ލީގްގައި ބައިވެރިވުމަށް ބޭނުންކުރަން ޖެހޭ ކޯޑަކީ YOB4GGV3 އެވެ.
'މޮޅުވާނީ ކާކު؟' ގެ ނަމުގައި، ޓްވިޓާގައި ޚާއްސަ މުބާރާތެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ. އެގޮތުން، ކޮންމެ މެޗަކުން ވެސް މޮޅުވާ ޓީމު ދިމާކޮށްގެން، ނަސީބުވެރި މީހަކަށް ފަސް ޖީބީގެ ޑޭޓާ ލިބޭނެ އެވެ.
އުރީދޫން ވަނީ ޕީއެސްއެމްއާ ގުޅިގެން 'ދެން ވާނީ ކިހިނެއް' ގެ ނަމުގައި، ވީޑިއގައި ދެންވާ ގޮތް ދިމާކޮށްގެން އަގު ހުރި އިނާމްތައް ލިބޭ މުބާރާތެއް ވެސް ފަށައިފަ އެވެ. އަދި ވޯލްޑް ކަޕްގެ މެޗުތައް އަޅުވާ ކެފޭ ތަކާ އެކު ޚާއްސަ އެއްބަސްވުންތަކެއް އެކުލަވާލައި، ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އުރީދޫން ބުނެ އެވެ.
ވޯލްޑް ކަޕާ ގުޅުވައިގެން އުރީދޫން ވަނީ ފޭސްބުކްގައި ޕްރޮފައިލް ޕިކްޗާ ފްރޭމްތަކެއް ވެސް ލޯންޗްކޮށްފަ އެވެ. އެ ފްރޭމްތައް ބޭނުން ކޮށްގެން، ސަޕޯޓަރުން ޓީމްތަކަށް ދޭ ތަރުހީބު ތަފާތު ގޮތްތަކަށް ދައްކުވައި ދެވޭނެ އެވެ.