28 ޖުލައި 2016 - 07:16

ޖުލައި 21، 2016ގެ އަދަދާ ގުޅޭ:

އިހުގެ ތަފްސީރުތަކަށް ބަލާލާއިރު އައްތަބަރީ (އަވަހާރަވީ310ހ./923މ. ގައި)ގެ ޖާމިޢުލް ބަޔާން، އާއި އައްސުޔޫތީ (އަވަހާރަވީ 910ހ./1505މ. ގައި)ގެ "އައްދުރް އަލް މަންޘޫރު" ފަދަ ކީރިތި ޤުރްއާނުގެ ތަފްސީރު ފޮތްތަކުން އެންމެ ކުރީގެ ޖީލުތަކުގެ މުސްލިމުން ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމަށް ކުރި މަސައްކަތް ކޮންމެވެސް ވަރަކަށް ނަމަވެސް ފެންނާން އެބަ އޮތެވެ. މި ދެންނެވި ފަދަ ތަފްސީރުތަކުގައި ކީރިތި ޤުރްއާނުގެ އެކިއެކި އާޔަތްތަކާ ބެހޭ ގޮތުން، ފުރަތަމަ ދެތިން ޖީލުގެ މުސްލިމުންގެ – އާދެ، އަސްހާބު ބޭކަލުންނާއި ތާބިއީ ބޭކަލުންނާއި އަދި ތަބައަ ތާބީއީ ބޭކަލުންގެ – ރައުޔުތައް ބަޔާން ކުރެވިފައިވެ އެވެ. ކީރިތި ޤުރްއާނުގެ އާޔަތްތައް، އެބޭކަލުންނަށް ފަހުމްވެ ވަޑައިގަތް ގޮތާއި އަދި އެފަހުމްވުން ބިނާވެފައި އޮތީ ކޮން ކަމެއްގެ މައްޗަށް ކަން ވެސް ފެންނަން އެބަ އޮތެވެ. މިއިން، އިހުގެ މުސްލިމުންގެ މެދުގައި، މިނިވަންކަމާއި އަދި ފޯރިއާ އެކު ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ ގޮތުން ކުރެވުނު މަސައްކަތުގެ ތަސައްވުރެއް ހިތަށް ފެނިގެން ދެ އެވެ.

ވިދިގެން އައި ގަރުނުތަކުގައި ވެސް، ކީރިތި ޤުރްއާނުގެ އާޔަތްތައް ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރި އަށް ގެންދެވުނެވެ. އަދި ކީރިތި ޤުރްއާނުގެ އާޔަތްތަކާ މެދު ތަފާތު ރޮގުވަޅުތަކުން ބަލައި، ވަކި ކަންކަމަށް ތަރުކީޒު ކުރެވިގެން ބަހުސްތައް ކުރެވެމުން ދިޔަ އެވެ. ބަހުގެ ޤަވާއިދާ އަދި ބަހުގެ އަދަބިއްޔާތުގެ ރޮނގުވަޅުތަކުން ބަލައި އެކަމުގެ މައްޗަށް ތަރުކީޒު ކުރެވިގެންނެވެ. އައްޒަމަޚްޝަރީގެ (އަވަހާރަވީ 538ހ./1144މ. ގައި) އަލްކައްޝާފާއި އަބޫހައްޔާނު އަލްޣަރްނާޠީގެ (އަވަހާރަވީ744ހ./1344މ.ގައި) އަލްބަހްރުލް މުޙީޠުއިން މިދެންނެވި ކަންކަމުގެ މައްޗަށް ތަރުކީޒު ކުރެވިގެން ލިޔެވުނު ދެތަފްސީރެވެ.

ކީރިތި ޤުރުއާނުގައި އެކި ކަންކަމާ ބެހޭ ގޮތުން އައިސްފައިވާ ހުކުމްތައް ދެނެގަތުމުގެ މައްޗަށް ބުރަވެ، އެ ރޮނގުވަޅުން ބަލައިލެވިގެން ވެސް ތަފްސީރުތައް ލިޔެވުނެވެ. އަލްޤުރްތުބީގެ (އަވަހާރަވީ 671ހ./1273މ. ގައި) އަލްޖާމިއު ހިމެނިފައިވަނީ މިގޮތުން ލިޔެވިފައިވާ އެންމެ މަޝްހޫރު އެއް ތަފްސީރު ފޮތް ކަމުގަ އެވެ. އިލްމީ އަދި ފަލްސަފީ ރޮގުވަޅަކުން ބެލެވިގެން ވެސް ތަފްސީރުތައް ލިޔެވުނެވެ. މިގޮތުން ލިޔެވުނު އެންމެ މަޝްހޫރު ތަފްސީރު ފޮތެއްކަމުގައި ހިމެނިފައި އޮތީ ފަޚްރުއްދީން އައްރާޒީގެ (އަވަހާރަވީ 605ހ./1209މ.ގައި) "މަފާތީހު އަލްޣައިބް" ނުވަތަ މަޝްހޫރު ނަމުން ނަމަ، "އައްތަފްސީރު އަލް ކަބީރު" އެވެ.

އައްރާޒީ ދެކިވަޑައިގަންނަވާ ގޮތުގައި، ހައްގާ ހަމަ އަށް ވާސިލުވެވޭނީ މާތްﷲ އިންސާނާ އަށް ދެއްވާފައިވާ ބުއްދި އާއި ސިކުނޑި ބޭނުން ކޮށްގެންނެވެ. އޭނާގެ ކިބައިގައިވާ އުނގެނުމާއި ވިސްނުމާއި އަދި ފިކުރު ކުރުމުގެ ބާރާއި ގާބިލިއްޔަތު ބޭނުން ކޮށްގެންނެވެ. އަދި، އެ އަށް ފަހު، އެއްޗެހި ފަހުމުކޮށް ދެނެގަނެ، އޭނާގެ އަމިއްލަ ޚިޔާލާއި ރައުޔު ފާޅުކޮށް ކަންކަމާ ދޭތެރޭ ގޮތް ކިޔައިގެންނެވެ. އޭނާގެ ތަފްސީރު ބިނާ ކުރައްވާފައިވަނީ މި އުސޫލުގެ މައްޗަށެވެ. އަދި އެ ދުވަސްވަރުގެ ބައެއް އިލްމީ ވާހަކަތައް ވެސް، އާޔަތްތަކުގެ މާނަ ބަޔާން ކޮށްދިނުމުގައި އޭނާގެ ތަފްސީރުގައި ލިޔެވިފައިވެ އެވެ. އޭނާގެ ތަފްސީރު ފޮތް ހިމެނިފައިވަނީ އަމިއްލަ އިޖުތިހާދާއި ރައުޔު ބޭނުން ކުރައްވައިގެން ލިޔުއްވި ތަފްސީރު ފޮތްތަކުގެ ތެރެއިން އެންމެ މަގުބޫލު އެއްފޮތް ކަމުގަ އެވެ.

ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް މި ޒަމާނުގައިވެސް މުސްލިމުންގެ މެދުގައްޔާއި (އަދި ޣައިރު މުސްލިމުންގެ މެދުގައި ވެސް) ކުރެވެމުން ދިޔަ އެވެ. މިމަގާމުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މި ޒަމާނުގައި ލިޔެވުނު، އަދި މުސްލިމުންގެ މެދުގައި މަގްބޫލުކަން ލިބިފައިވާ، ތަފްސީރުތަކުގެ ތެރެއިން އެއް ތަފްސީރެއްގެ ވާހަކަ އެވެ. ސައްޔިދު ޤުޠްބުގެ (އަވަހާރަވީ 1385ހ./1966މ. ގައި) ޡިލާލުގެ ވާހަކަ އެވެ.

މި ތަފްސީރުގެ ވާހަކަ ބުނެލަން ބޭނުންވަނީ އެތަފްސީރު ލިޔުން ބިނާކުރެވިފައިވާ މަންހަޖާ (މެތޮޑޮލޮޖީއާ) ގުޅޭ މުހިއްމު ނުކުތާއެއް ފާހަގަ ކޮށްލުމުގެ ގޮތުންނެވެ. އިހުގެ ތަފްސީރުތަކާއި އަދި ފަހުގެ ތަފްސީރުތަކަށް ވެސް ބަލައިލާ އިރު، އާއްމު ގޮތެއްގައި ފެންނަނީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އާޔަތްތަކަށް ވަކިވަކީން ބަލާލެވިގެން އެ އާޔަތްތަކުގެ މާނަ ބަޔާން ކޮށްދެއްވާފައިވާ ތަނެވެ. ސައްޔިދު ޤުޠްބުގެ ޡިލާލަށް ބަލައިލާއިރު، ފެންނަނީ ސޫރަތްތަކުގެ އާޔަތްތައް، އެއާޔަތްތަކުގެ މައިގަނޑު މައުޟޫއުގެ މައްޗަށް ރިއާޔަތް ކުރައްވައި، ބަހާލެވިފައިވާ ތަނެވެ.

އެއަށްފަހު، އާޔަތްތަކުގެ މާނަ އެއާޔަތް ތަކާ ބެހޭ މައުޟޫއާ ގުޅުވައިގެން ބަޔާން ކުރައްވާފައިވާ ތަނެވެ. މި ހައިސިއްޔަތުން ބަލާއިރު، ސައްޔިދު ޤުޠްބުގެ "ޡިލާލު" އަކީ މައުޟޫޢީ ތަފްސީރެއްގެ ގޮތުގައި ކަނޑައެޅިދާނެ އެވެ. ކީރިތި ޤުރުއާން ފަހުމްކޮށް ދެނެގަތުމަށް، އެހެން ތަފްސީރުތައް ފަދައިން، މައުޟޫޢީ ތަފްސީރުގެ އެހީތެރިކަން ވެސް ވަރަށް މުހިއްމެވެ.
ކީރިތި ޤުރްއާނުގެ ސޫރަތްތަކުގައި ގިނަ ފަހަރު ތަފާތު އެތައް ވާހަކަތައް ހިމެނެ އެވެ. އެކިއެކި ކަންކަމާ ބެހޭ ހުކުމްތަކެވެ. އިއުތިގާދީ ވާހަކަތެކެވެ. ތާރީޚީ ވާހަކަތެކެވެ. މި ތަފާތު ވާހަކަތައް، ބައެއް ފަހަރު، އެއް ސޫރަތެއްގައި ހިމެނިފައިވަނީ ކީއްވެގެންކަމާއި އެ ވާހަކަތަކާ ގުޅޭ މައިގަނޑު މައުޟޫއަކީ ކޮބައިކަން، މައުޟޫއީ ތަފްސީރުތަކުން ސާފުވެގެންދެ އެވެ. އަދި، ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އާޔަތްތަކަކީ އެއް އާޔަތާ އަނެއް އާޔަތް ގުޅި ލާމެހިފައިވާ ވަހުދާއެއްކަން، ޔުނިޓެއްކަން ވެސް، މައުޟޫއީ ތަފްސީރުތަކުން ފެނިގެންދެ އެވެ.
ކީރިތ ޤުރްއާނުގެ މާނަ ފަހުމްކޮށް ދެނެގަތުމަށް، އިހާއި އަދި މިހާރުގެ މަސައްކަތްތަކަށް ކުރު ގޮތަކަށް ނަމަވެސް އަލިއަޅުވައިލުމުގެ ބޭނުމަކީ، އެފޮތަކީ، ކުރިން ވެސް ދެންނެވި ފަދައިން، ވިސްނައި ފަހުމްކޮށް ދެނެގަތުމަށް އޮތް ފޮތެއްކަން ފާހަގަ ކޮށްލުމަށްޓަކަ އެވެ. އަދި، ކީރިތި ޤުރްއާނަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމަށްޓަކަ އެވެ. އަޅުގަނޑުގެ މިމުގައްދިމާ ނިންމާލަން ގަސްދުކުރަނީ ދިވެހިންގެ ތެރޭގައި ވެސް ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށް، އެކަމާ ބެހޭ ގޮތުން ކޮންމެވެސް އެއްޗެއް ދަންނަވާލައިފަ އެވެ.
ދިވެހިންގެ ތެރޭގައި، ކީރިތި ޤުރުއާން ފަހުމުކޮށް ދެނެގަތުމުގެ މަސައްކަތުގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ހިތަށް އަންނަނީ، ރަސްމީ ސިފައެއް ލިބިގެން، ދިވެހި ބަހުން ލިޔެވި ދިވެހިންގެ ތެރޭގައި އާއްމުވި، ކީރިތި ޤުރްއާނުގެ ތަރުޖަމާގެ ވާހަކަ އެވެ. ނަވާރަ ސަތޭކަ ހަތްދިހައިގެ ކުރީކޮޅު ތަރުޖަމާ ކުރެވިގެން 1975ގައި ޝާއިއު ކުރަން ފެށުނު ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގެ ވާހަކަ އެވެ.
އެ ތަރުޖަމާ ކުރެވުނީ އެ ދުވަސްވަރުގެ ސަރުކާރުން ކަނޑައަޅާލެވުނު އިލްމީ ފަސް ބޭފުޅެއްގެ މައްޗަށް އެކުލަވާލެވުނު ކޮމިޓީއަކުންނެވެ. ފޮތެއްގެ ސިފައިގައި ލިޔެވި ޝާއިއު ކުރެވުމުގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުން މެދުކެނޑުމެއް ނެތި، ރާއްޖޭގެ ކަންކޮޅުތަކަށް މި ތަރުޖަމާ އިއްވެމުން ދިޔަ އެވެ. ޝައްކެއް ނެތް ގޮތުގައި މި ތަރުޖަމާ ހިމެނިގެން ދިޔައީ، ކީރިތި ޤުރްއާނުގެ މާނަ ފަހުމްކޮށް ދެނެގަތުމަށްޓަކައި، ދިވެހިންނަށް، ބޮޑު އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިން ތަރުޖަމާއަކަށެވެ.
މީގެ އިތުރުން ބައެއް އަމިއްލަ ބޭބޭފުޅުން ވެސް ދިވެހި ބަހުން ކީރިތި ޤުރްއާނުގެ ތަރުޖަމާ އާއި ތަފްސީރު ލިޔުއްވާފައިވެ އެވެ. މިގޮތުން ދެ ތަފްސީރެއްގެ ވާހަކަ ނަންގަނެލާނަމެވެ. އެންމެ ފުރަތަމަ އައްޝައިޚު އަލް މަރްހޫމް މަލިންގޭ ހުސައިން ދީދީ (އަވަހާރަވީ 1399ހ./1979މ.ގައި) ލިޔުއްވި "ކީރިތި ޤުރްއާނުގެ ތަރުޖަމާ އާއި ތަފްސީރު" ގެ ވާހަކަ އެވެ.
މި ތަފްސީރަކީ، އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިވެހި ބަހުން ލިޔެވުނު ފުރަތަމަ ތަރުޖަމާ އާއި ތަފްސީރެވެ. މި ތަރުޖަމާ އާއި ތަފްސީރު ފުރަތަމަ ޗާޕުކޮށް ޝާއިއު ކުރެވުނީ އިންޑިޔާގައި 1378ހ./1958މ. ވަނަ އަހަރު އެވެ. މިއީ މިހާތަނަށް ދިވެހި ބަހުން އެންމެ ތަފްސީލުކޮށް ލިޔެވި ފެންނަން އޮތް ތަރުޖަމާ އާއި ތަފްސީރެވެ. މިތަފްސީރު ދެ ބަޔަކަށް ބެހިނގެންވެ އެވެ. ފުރަތަމަ ބައިގައި އަލް ފާތިހާ ސޫރަތުން ފެށިގެން އައްނަޙްލު ސޫރާތާއި (ސޯޅަ ވަނަ ސޫރަތާއި) ހަމަ އަށް ތަރުޖަމާ ލިޔެވިފައިވެ އެވެ. ނޮވެލްޓީން ކުރެވުނު ޗާޕުގެ މި ބައިގައި، ހަތަރު ޖިލްދު އެކުލެވިގެންވެ އެވެ.
އަދި ދެ ވަނަ ބައިގައި އަލް އިސްރާއު ސޫރަތުން (ސަތާރަ ވަނަ ސޫރަތުން) ފެށިގެން އައްނާސު ސޫރަތާއި (ސަތޭކަ ސާދަ ވަނަ ސޫރަތާ) ހަމަ އަށް ތަރުޖަމާ އާއި ތަފްސީރު ލިޔެވިފައިވެ އެވެ. ނޮވެލްޓީން ޗާޕުކުރެވުނު މިބައިގައި ތޭރަ ޖިލްދު ހިމެނެ އެވެ. އާދެ، މިފޮތް ކަރުދާހުގައި ލިޔެވި ޝާއިއު ކޮށް އާއްމުންނަށް ލިބެން މިހާރު އެބަ އޮތެވެ. އަދި ހަމަ އެހެންމެ އިންޓަނެޓުން ވެސް މިފޮތް ބަލައިލުމުގެ ފުރުސަތު އެބަ އޮތެވެ. މި ކަމަށްޓަކައި ނޮވެލްޓީގެ މަސްއޫލު ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާ ކުރަން ޖެހެ އެވެ.
ދެ ވަނަ އަށް ފާހަގަ ކޮށްލަން ބޭނުންވަނީ ޅ. ހިންނަވަރު އައްޝައިޚު އަލްމަރްހޫމު އަބޫބަކުރު އިބްރާހިމް އަލީ 2006 ވަނަ އަހަރު ލިއުއްވި ތަރުޖަމާ އާއި ތަފްސީރުގެ ވާހަކަ އެވެ. އަދި މިހާތަނަށް ކަރުދާހުގައި ލިޔެ ޝާއިއު ކުރެވިފައި ނެތަސް، އިންޓަނެޓްގައި އޭނާގެ ތަރުޖަމާ އާއި ތަފްސީރު ޝާއިއު ކުރެވިފައި އެބަ އޮތެވެ. މިއީ ސާދާ ދިވެހި ބަހުން އެންމެ އާންމު މީހާ އަށް ވެސް ދޭހަވާނޭ ފަދައިން ލިޔުއްވާފައިވާ ތަރުޖަމާއަކާއި ތަފްސީރެއް ކަމުގައި މުސައްނިފު އިޝާރަތް ކުރައްވާފައިވެ އެވެ.
އާދެ، އަޅުގަނޑުމެންގެ ތެރޭގައި ވެސް ރަސްމީ ސިފައިގައްޔާއި ނުރަސްމީ ސިފައިގައި އަމިއްލަ މީސްމީހުން ވެސް ކީރިތި ޤުރްއާނުގެ މާނަ ފަހުމްކޮށް ދެނެގަތުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގެ ހެކި، ދެންމެ މި ނަންގަތް ދެތިން ފޮތުން ވެސް، ލިބެ އެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ އެކިއެކި ކަންކޮޅުގައި ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތްތަކެއް ކުރެވިފައިވެ އެވެ. ޚާއްސަގޮތެއްގައި އައްޑު އަތޮޅުގަ އެވެ.
ސ. ހިތަދޫ ޝައިޚު ހުސައިން ރަހާ އާއި އޭނާގެ އިސް ދަރިވަރުންގެ ތެރޭގައި ހިމެނުނު ޝައިޚު މޫސާ އަލް މުސްތަފާ އާއި ދެ އިލްމުވެރިން ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް ލިޔުއްވި ކަމަށްވެ އެވެ. އަދި މީގެ އިތުރުން ޖަލާލުއްދީން އަލްމަހައްލީ އާއި (އަވަހާރަވީ 864ހ/1459މ.ގައި) އޭނާގެ ދަރިވަރު ޖަލާލުއްދީން އައްސުޔޫޠީގެ (އަވަހާރަވީ 911ހ./1505މ.ގައި) "ތަފްސީރު އަލް ޖަލާލައިން" ވެސް ހިތަދޫގައި ދިވެހި ބަހަށް ތަރުޖަމާ ކުރެވުނު ކަމަށްވެ އެވެ. މިއިން ފޮތެއް ބަލާލުމުގެ ނަސީބު އަޅުގަނޑަކަށް ލިބިފައެއް ނުވެ އެވެ. އެހެން ކަމުގައިވިޔަސް، ދިވެހިންގެ ތެރޭގައި ވެސް، ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވިފައިވާކަން މި ކަމުން ވެސް އެނގެ އެވެ.
ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރި އަށް ގެންދިޔުމަކީ މުހިއްމު ކަމެއްކަން، އެފޮތަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ދެކޭނޭ ކަމީ، އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. "މިހާރު" މެދުވެރިކޮށް "ކީރިތ ޤުރްއާން ފަހުމްކޮށް ދެނެގަތުމަށް މަގެއް"، މި ސިލްސިލާ ހުށަހަޅައިލަނީ ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތުގެ އާ އޮށެއް އިންދުމުގެ ބޭނުމުގަ އެވެ. އެއޮށުގައި ކޯދުލައި އާނިރެއް ފަޅުވައި ލެވޭތޯ އެވެ. އަދި ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަނެގަތުމުގެ މަސައްކަތުގެ ސިލްސިލާ އަށް ބޮޅެއް އިތުރު ކޮށްލެވޭތޯ އެވެ. އެކަމަށް އެހީތެރިވުމުގެ ގޮތުން އަތެއް ފޯރުކޮށްލަ ދިނުމުގެ މަގުސަދުގަ އެވެ.
މި މަސައްކަތް ކުރިއަށް ގެންދިޔުމުގެ ތައުފީގު ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތަށް ދުއާ ކުރާ ހާލުގަ އެވެ. މި މަގު ފަހި ކޮށްދެއްވި ކަމަށްޓަކައި "މިހާރު"ގެ އިދާރާ އަށް ޝުކުރު ދަންނަވަމެވެ. ކިޔުންތެރިންގެ ކިބައިން އެދެނީ ފާޑުކިޔުމުގެ ނަޒަރަކުން ލިޔުން ކިޔައި ކުށެއް ވާނަމަ އެކަން ފާހަގަ ކޮށްލަ ދިނުމެވެ. އަދި އުފެދޭ ސުއާލުތަކާއި ލިޔުމުގައި ސާފުކޮށް ބުނެނުދެވި ހުރި ކަންކަން ވެސް ފާހަގަ ކޮށްލަ ދިނުމެވެ. އެ ކުށްތައް އިސްލާހުކޮށް، ސުވާލުތަކުގެ ޖަވާބު ހޯދައި އަދި ސާފުނުވެ ހުރި ކަންކަން ސާފު ކޮށްދެވޭތޯ މަސައްކަތް ކުރުމަށްޓަކަ އެވެ. ދެ ވަނަ ބައިގައި އަލްފާތިޙާ ސޫރަތުގެ، އާދެ، އަލްހަމްދު ސޫރަތުގެ މާނައިގެ މައްޗަށް ބަލައިލަން ގަސްދުކުރަމުން އަޅުގަނޑުގެ މުގައްދިމާ މި ހިސާބުން ނިންމާލަމެވެ.
އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.