13 ޖޫން 2018 - 08:24

މިއޮތީ އޮންލައިންކޮށް ވިޔަފާރި ކުރާ އިރު، މާ ބޮޑަށް ވެސް ސަމާލު ވާން ޖެހޭ ކަހަލަ ކަމެއް ހިނގައިފަ އެވެ. އޯޑަރުކުރާ އެތި ނޫން އެހެން އެއްޗެއް ލިބިގެން ހިތްފަޅައިގެން ހިނގައިދާނެ ކަހަލަ ކަމެއް ވެސް ކުރިމަތި ވެދާނެ އެވެ.

އެމެރިކާގެ ކެލިފޯނިއާގެ ދެމަފިރިން ކަމަށްވާ އަލް ބްރޫމޭ އާއި ކްރިސް ބްރޫމޭ އެ މީހުންގެ ކާފަ/މާމަ ދަރިފުޅަށް ދޭން ވޮލްމާޓްގައި އޯޑަރު ކުރީ ބައިސްކަލަކަށެވެ. އެކަމަކު ބައިސްކަލާ އެކު އައީ ބިއަޑެޑް ޑްރެގަން ލިޒާޑެކެވެ.
މި މަހުގެ ހަ ވަނަ ދުވަހު ހިނގި މި ހާދިސާއާ ބެހޭ ގޮތުން ކްރިސް ބުނި ގޮތުގައި ބައިސްކަލް ލާފައި އޮތް ފޮށިގަނޑު ކަނޑަނިކޮށް ކުއްލިއަކަށް އޭނާގެ ކޮނޑުމައްޗަށް ލިޒާޑް ފުންމާލީ އެވެ.
"އަހަންނާ ދިމާއަށް އޭތި އޮތީ ބަލަން. އަދި އަހަންނަށް ވެސް ހަދާނެ ނަހަދާނެއެއް ނޭނގިގެން ބިރުން އެއާ ދިމާއަށް ބަލަން ހުރެވުނީ،" ކްރިސް ބުންޏެވެ.
ފަހުން އެ މީހުން ވަނީ ކެލިފޯނިއާގެ ރިވަސައިޑް އެނިމަލް ސާވިސަސް އަށް ގުޅައި އެތަނުގެ އޮފިޝަލުންނާ އޭތި ހަވާލުކޮށްފަ އެވެ. ރިވަސައިޑްގެ އޮފިޝަލުން ބުނި ގޮތުގައި އެ ލިޒާޑަކީ އޮސްޓްރޭލިއާ އިން ގެނެސް، ޕެޓެއްގެ ގޮތުގައި ކެލިފޯނިޔާގައި ބަޔަކު ގެންގުޅުނު އެއްޗެކެވެ.
އޭތި މިހާރު ވަނީ ސެން ޖެސިންޓޯ ވެލީ އެނިމަލް ކެމްޕަސް އަށް ބަދަލުކޮށްފަ އެވެ.