13 ޖޫން 2018 - 08:23

މެސެޖެއް ފޮނުވުމަށް ފަހު، އެ ލިބުނު މީހާގެ ފޯނުން އެ މެސެޖް ޑިލީޓް ކުރެވޭ ގޮތް ސްނެޕްޗެޓުން ވެސް ހަދައިފި އެވެ.

މިއީ ބޭކާރު ނުވަތަ ކޮންމެހެން ފޮނުވަން ނުޖެހޭ އެއްޗެއް އޮޅިގެން ފޮނުވުނަސް ސަލާމަތް ވެވިދާނެ ގޮތެކެވެ. އެގޮތުން ޓެކްސްޓާއި ފޮޓޯ އާއި ވީޑިއޯ ވެސް ސްނެޕްޗެޓްގެ އާ ފީޗާއިން މިހާރު ޑިލީޓްކޮށްލެވޭނެ އެވެ.
މެސެޖެއް ޑިލީޓްކޮށްލި ނަމަވެސް، މެސެޖެއް ލިބުނުމަކާއި އެ ޑިލީޓްކޮށްލިކަން ވެސް މެސެޖް ލިބޭ މީހާ އަށް އެނގޭނެ އެވެ. ތަފާތަކީ އެ މެސެޖެއް ބަލައިލުމުގެ ފުރުސަތު ނުލިބޭކަމެވެ.
ސްނެޕްޗެޓުން ބުނި ގޮތުގައި އަލަށް ތައާރަފު ކުރި ފީޗާ މިހާރު ބައެއް ކަސްޓަމަރުންނަށް އަދި ލިބުނު ނަމަވެސް، ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ސްނެޕްޗެޓް ބޭނުން ކުރާ ހުރިހާ އެންމެންނަށް ލިބެން ފަށާނެ އެވެ.
ދެހާސް އެގާރައިގައި ތައާރަފު ކުރި ސްނެޕްޗެޓަކީ މިހާރު އެންމެ މަގުބޫލު ސޯޝަލް އެޕްތަކުގެ ތެރެއިން އެކައްޗެވެ. މި ބޭނުން ކުރާ މީހުންގެ އަދަދު މިހާރު 187 މިލިއަނަށް ވުރެ ގިނަ އެވެ.