12 ޖޫން 2018 - 12:12

ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެފައިވާ ފީފާ ވޯލްޑް ކަޕްގެ ރާއްޖޭގެ އޮފިޝަލް ބްރޯޑްކާސްޓަރު ކަމަށްވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކަވަރޭޖް ދެއްކުމަށް، ދިރާގު ޓީވީއާ އެކު ޕީއެސްއެމުން އިއްޔެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ވޯލްޑް ކަޕްގެ މެޗުތައް ދިރާގު ޓީވީން ދެއްކުމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަ މުހައްމަދު އިކްރާމާއި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު މައުމޫނެވެ.
އައިޕީޓީވީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖެ އަށް ދެމުން އަންނަ ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝާން ހަސަން "މިހާރު" އަށް ވިދާޅުވީ، ޕީއެސްއެމްއާ އެކު އިއްޔެ ސޮއި ކުރި ނަމަވެސް، އެހެން ޗެނަލްތަކުގެ ކަވަރޭޖުތައް ވެސް ދައްކާނެ ކަމަށެވެ.
"މި އެއްބަސްވުމަކީ ޕީއެސްއެމް އާއި ޔެސް ޓީވީގެ ވޯލްޑް ކަޕް ކަވަރޭޖު އަޅުގަނޑުމެން ދައްކަން ހެދި އެއްބަސްވުމެއް... އެހެން ޗެނަލްތަކުގެ ކަވަރޭޖްތައް ވެސް އަޅުގަނޑުމެން ދައްކާނެ،" މިރުޝާން ވިދާޅުވި އެވެ.
ޕީއެސްއެމްގެ ކަވަރޭޖް ދެއްކުމަށް ދިރާގުން އެއްބަސްވުމެއްގައި ސޮއި ކުރި އިރު، ޕީއެސްއެމްގެ ހުއްދަ ނެތި "2018 ފީފާ ވޯލްޑް ކަޕް ރަޝިއާ"ގެ ނަމުގައި ބައެއް މީޑިއާތަކާއިި ވިޔަފާރި ކުންފުނިތަކުން ހުއްދަ ނޫން ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަމުންދާތީ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
އެނގިފައިވާ ގޮތުގައި، ވޯލްޑް ކަޕްގެ މި ސަރަހައްދުގެ އޮފިޝަލް ބްރޯޑްކާސްޓަރު ކަމަށްވާ ސޮނީ ސްޕޯޓްސް ނެޓްވޯކްގެ ރައިޓްސް ދިރާގަށް ވަނީ ލިބިފަ އެވެ.
ދިރާގުގެ އިތުރުން ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް ދޭ މީޑިއާ ނެޓްގެ އިސް އޮފިޝަލަކު ވެސް "މިހާރު" އަށް ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި ފަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕްގެ މެޗްތައް ކަސްޓަމަރުންނަށް ދައްކާނެ ކަމަށެވެ. އެގޮތުން ސޮނީ ޓެން2 އާއި ޓެން3 އިން މެޗްތައް ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޗެނަލްތައް ދެއްކުމުގެ އެއްވެސް ހުރަހެއް ނެތް. އެހެންވެ އަޅުގަނޑުމެން މެޗްތައް ދައްކާއިރު އެނަލިސިސް ވެސް އަންނާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ޕީއެސްއެމުން ބުނެފައި ވަނީ ވޯލްޑް ކަޕްގެ ނަމުގައި ޕްރޮމޯޝަނެއް ނުވަތަ އެ ނަމުގައި އެހެން ވެސް ހަރަކާތެއް ހިންގާ ނަމަ އެ ފަރާތްތަކުން އެ ކުރަނީ ޕީއެސްއެމްގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކަމަށެވެ.