އީދު ނަމާދުގެ ބޮޑު ޖަމާއަތް މިފަހަރު ވެސް މާފަންނު ސްޓޭޑިއަމްގައި
އީދު ނަމާދުގެ ބޮޑު ޖަމާއަތް މިފަހަރު ވެސް މާފަންނު ސްޓޭޑިއަމްގައި

މި އަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް، މިފަހަރު ވެސް މާފަންނު ސްޓޭޑިއަމްގައި ބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މާލޭގެ މާފަންނު ސްޓޭޑިއަމްގެ އިތުރުން އިސްލާމީ މަރުކަޒާއި ހުޅުމާލޭގެ ސެންޓްރަލް ޕާކް އަދި ވިލިމާލޭގެ ބޯޅަދަނޑުގައި ވެސް އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ހޮސްޕިޓަލްތަކާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ވެސް، ބޮޑު ޖަމާއަތުގައި ނަމާދު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވާ ކަމަށެވެ.

ބޮޑު ޖަމާއަތުގެ އިތުރުން މާލޭގެ އެކި މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރާނެ އެވެ.

މީގެ އަށެއްކަ އަހަރު ކުރިން ފެށިގެން މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ފެށީ މާފަންނު ސްޓޭޑިއަމްގަ އެވެ. އެ ތަނުގައި 30،000 އަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އެވެ. ނަމަވެސް އިސްލާމީ މަރުކަޒުގެ ވަށައިގެންވާ ސަރަހައްދުގައި މާބުލް ޖަހައި ނަމާދު ކުރެވޭ ގޮތަށް އެތަން ޒީނަތްތެރިކޮށް، އޭގެ ފަހުން އީދު ނަމާދު ބޮޑު ޖަމާއަތުގައި އިސްލާމީ މަރުކަޒުގައި ވެސް ކުރެ އެވެ.

އެ ސަރަހައްދުގައި މާބުލްޖަހައި ނިމުމުން 20،000 އަށް ވުރެ ގިނަ މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.