13 ޖޫން 2018 - 08:20

މީގެ ކުރިން އަރަބި ގައުމުތަކުގައި ދެއްކުން މަނާކުރި ފިލްމް "ދަ މެސެޖް" އަރަބި ސަބް ޓައިޓްލްއާ އެކު ސައުދީ އަރަބިއްޔާގެ ސިނަމާތަކުގައި ދައްކާ ގޮތަށް ނިންމައިފި އެވެ.
މި ފިލްމަކީ ކީރިތި ރަސޫލާގެ ހަޔާތްޕުޅާ ބެހޭ ގޮތުން މުސްތަފާ އައްކަޅް މީގެ 42 އަހަރު ކުރިން ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އަރަބި ގައުމުތަކުން ވަނީ "ދަ މެސެޖް" ގައުމުތަކުގައި ދެއްކުން މަނާކޮށްފަ އެވެ.
މި ފިލްމްގެ ކާސްޓުންގެ ތެރޭގައި އެންތަނީ ކްއިން، ޖޯނީ ސެއްކާ، މައިކަލް ފޮރެސްޓް، ގެރިކް ހޭގަން އަދި ޑެމިއަން ތޯމަސް ހިމެނެ އެވެ.
ބޮކްސް އޮފީހުގައި 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު މި ފިލްމަކީ 10 މިލިއަން ޑޮލަރުގެ ބަޖެޓުން އުފެއްދި ފިލްމެކެވެ. އަދި މިއީ 50 ވަނަ އޮސްކާ އެވޯޑްގައި ވެސް ވާދަ ކުރި ފިލްމެކެވެ. އެގޮތުން ބެސްޓް އޮރިޖިނަލް ސްކޯ އަށް މިއުޒިކް ޑައިރެކްޓަރު މައުރިސް ޖައްރޭ ނޮމިނޭޓްވި އެވެ. އެކަމަކު އެވޯޑް ގެންދިޔައީ "ސްޓާ ވޯސް" އިން ޖޯން ވިލިއަމްސް އެވެ.
މި ފިލްމްވެގެން ދާނީ އަރަބި ސަބް ޓައިޓްލްއާ އެކު އެ ގައުމުގައި ދައްކާ ފުރަތަމަ ފިލްމަށެވެ.
ސައުދީގެ ސިނަމާތައް ހުޅުވައި، ފިލްމް އަލުން ދައްކަން ފަށާފައި ވަނީ އެޕްރީލް މަހުގެ 18 އިން ފެށިގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ދަ މެސެޖް" މެދުއިރުމަތީގައި މަނާކޮށްފައި އޮތް އޮތުން ބާތިލް ކުރުމަށް ފަހު، ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަރަބި އެހެން ގައުމުތަކުގައި ވެސް ފިލްމް ދައްކާނެ އެވެ.
ފިލްމްގެ ޑިސްޓްރިބިއުޝަނާ ހަވާލުވެފައި ވަނީ ފްރޮންޓް ރޯ ފިލްމްޑް އެންޓަޓައިންމަންޓެވެ.