ބެލްޖިއަމް އޮތީ ތަފާތު ދައްކަން ކެތްމަދުވެފައި: މާޓިނޭޒް
ބެލްޖިއަމް އޮތީ ތަފާތު ދައްކަން ކެތްމަދުވެފައި: މާޓިނޭޒް

ބްރުސެލްސް، ބެލްޖިއަމް (ޖޫން 12) - ފާއިތުވި މުބާރާތްތަކާ ހިލާފަށް ބެލްޖިއަމަށް ވެސް ބޮޑެތި މުބާރާތްތަކުގައި ތަފާތު ދެއްކޭނެކަން ސާބިތުކޮށްދޭން އެ ޓީމުގެ ކުޅުންތެރިން ބޭނުންވާ ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

"ފާއިތުވި މުބާރާތްތަކުގައި ބެލްޖިއަމް ޓީމަށް އެކި މައްސަލަތައް ދިމާވި. ތަޖުރިބާގެ ކަންތައްތައްތަކާ އެހެން މައްސަލަތައް. މި ފަހަރު ޓީމު އޮތީ ވަރަށް ބޮޑަށް އެއް ރޫހެއްގައި. ކުޅުންތެރިން ބޭނުންވޭ މި ފަހަރުގެ މުބާރާތުގައި ތަފާތެއް ދައްކަން. އެއީ ގިނަ ބަޔަކަށް ގަބޫލުކުރެވޭނީ މުބާރާތެއްގައި ސާބިތުކޮށްދޭ އެއްޗެއް،" ކުރިން އެވަޓަން އާއި ވިގަން އެތުލެޓިކަށް ކޯޗުުކޮށްދިން މާޓިނޭޒް ބުންޏެވެ.

ވޯލްޑް ކަޕްގެ ކުރިން ބެލްޖިއަމް ކުޅުނު ފަހު މެޗުގައި ވަނީ ރޭ ކޮސްޓަ ރިކާ އަތުން 1-4 އިން މޮޅުވެފަ އެވެ. ކޮސްޓަ ރިކާގެ ކެޕްޓަން ބްރަޔަން ރުއިޒް ޖެހި މޮޅު ގޯލުން އެ ޓީމު ލީޑުނަގާފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެލްޖިއަމުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެޑެން ހަޒާޑް ދިން ބޯޅަ އަކުން ޑްރީސް މާޓެންސް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިންއިރު، ލީޑުނެގީ މާޓެންސް ދިން ބޯޅަ އަކުން ރޮމެލޫ ލުކާކޫ އެވެ.

ދެ ވަނަ ހާފްގެ ފަސް މިނިޓް ތެރޭގައި ލުކާކޫ ވަނީ ބެލްޖިއަމްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ލުކާކޫ ދިން ބޯޅަ އަކުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިޝީ މަޓްޝުއާޔީ އެވެ.

ރޭގެ މެޗުން ބެލްޖިއަމް މޮޅުވި ނަމަވެސް އެ ޓީމަށް ލިބުނު އެންމެ ބޮޑު ދެރަ އަކީ މެޗުގެ 70 ވަނަ މިނިޓްގައި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ހަޒާޑް ބަދަލުކުރަން ޖެހުމެވެ. ރިޕޯޓްތައް ބުނާގޮތުން ހަޒާޑަށް ލިބުނު އަނިޔާ ސީރިއަސްއެއް ނޫނެވެ.

ބެލްޖިއަމްގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ލުކާކޫ ބުނީ ހަޒާޑަށް ލިބުނު އަނިޔާއިން އޭނާ ވަރަށް އަވަހަށް ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެއީ އާންމުކޮށް ވެސް މެޗެއް ނިމޭއިރު އޭނާ އަށް އެ ކަހަލަ އަނިޔާތައް ލިބިފައި ހުންނާތީ ކަމަށެވެ.

ވޯލްޑް ކަޕްގައި ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ކުޅޭނީ ޕެނަމާއާ އެވެ. އެ ގްރޫޕުގައި ދެން އޮތީ ޓިއުނީޝިއާ އާއި އިންގްލެންޑް އެވެ.