16 އަހަރަށް ފަހު އިންޑިއާގެ އެކްޓިވިސްޓުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލަނީ
16 އަހަރަށް ފަހު އިންޑިއާގެ އެކްޓިވިސްޓުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލަނީ

ނިއު ދިއްލީ (ޖުލައި 27) - އިންޑިއާގެ އެކްޓިވިސްޓް އަޔޯމް ޝަރުމީލާ ޗާނޫ ކުރަމުން ދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 16 އަހަރަށް ފަހު ނިންމާލާ ގޮތަށް ނިންމައިފި އެވެ.

ޗާނޫ ބުނީ އަންނަ މަހު 9 ވަނަ ދުވަހު އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލުމަށް ފަހު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކަމަށެވެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލު 2000 ވަނަ އަހަރު ޗާނޫ ކުރަން ފެށީ ސިފައިންނަށް އާދަޔާޚިލާފު ބާރުތައް ދިނުމަށް ފާސްކުރި އާމްޑް ފޯސަސް ސްޕެޝަލް ޕަވާސް އެކްޓް (އޭއެފްއެސްޕީއޭ) އާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. މި ގާނޫނުގެ ދަށުން ކޯޓު އަމުރެއް ނެތި ވެސް މީހުން ހައްޔަރު ކުރުމާއި ބައެއް ހާލަތްތަކުގައި ބަޑި ވެސް ޖެހެ އެވެ. އޭއެފްއެސްޕީއޭ އަށް ވަރަށް ގިނަ ސްޓޭޓުތަކުގައި އަމަލު ކުރެ އެވެ. އޭގެ ތެރޭގައި ޗާނޫގެ އަމިއްލަ ސްޓޭޓް މަނިޕޫރާއި ކަޝްމީރު ހިމެނެ އެވެ.

ޗާނޫ ހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ދިޔަ ނަމަވެސް ހޮޅިއަކުން ނޭފަތަށް ކާއެއްޗެހި އަޅައިގެން ކާންދޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ހައިހޫނުކަމުގެ ހަޅުތާލު ކުރި ނަމަވެސް މަނިޕޫރުގެ ޑިސްޓްރިކްޓް ކޯޓަށް ކޮންމެ 15 ދުވަހަކުން އޭނާ ހާޒިރުވާން ޖެހެ އެވެ. ކޯޓުގައި އޭނާ ވަނީ ހަޅުތާލު ނިންމާލުމަށް ފަހު އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ހައިހޫނުކަމުގެ ހަޅުތާލުގައި ޗާނޫ ހޭދަކުރި 16 އަހަރުގެ ތެރޭން ބޮޑު ބައެއް ހޭދަކުރީ ޝަރުއީ ބަންދެއްގެ ދަށުން މަނިޕޫރުގެ ވެރިރަށް އިމްޕާލްގެ ހޮސްޕިޓަލުގަ އެވެ. ޗާނޫގެ ހަޅުތާލަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ އޭނާ އަކީ ޒަމީރު ގައިދީއެއް ކަމަށް ކަނޑައަޅައިފަ އެވެ.