12 ޖޫން 2018 - 08:24

އަރާމު ނިންޖަކުން ހޭލަން މިހާތަނަށް މީހުން ކުރަމުން އައި ކަމަކީ ގަޑި ސޯނާކުރުމެވެ. ގަޑީގެ ސޯނާގައި އެކި އަޑުތައް ހުރެއެވެ. ހިތްގައިމު ރާގުތަކާއި ފޯރިގަދަ އަޑުތަކެވެ. އަޑުތަކާއެކު ބައެއް ސޯނާގަޑިން ކުލަކުލައިގެ ބޮކި ދިއްލޭތީ ވެސް ފެނެއެވެ. އެކަމަކު ވަހެއް ދުވާ ސޯނާގަޑިއެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟
"ސެންސާވޭ" އަކީ ވަސް ދުވާ ގޮތަށް އުފެއްދި ފުރަތަމަ ސޯނާގަޑިއެވެ. ދެ ހާސް ސޯޅަ ވަނަ އަހަރު ބާޒާރަށް ނުކުތް މި އުފެއްދުން އިތުރު ބަދަލުތަކާއެކު މިފަހަރު ނުކުތީ ސެންސަވޭކް ޓްރިއޯގެ ނަމުގައެވެ. މިފަހަރުގެ ސެންސަވޭކް ގަޑިތަކުން ސޯނާގެ ގޮތުގައި ހަމައެކަނި ވަހެއް ދުވާނީކީ ނޫނެވެ. އަޑަކާއި ކުލަތަކެއް ވެސް ފެންނާނެއެވެ. ސެންސާވޭކް ސޯނާގަޑިން ތިން ހިއްސު ހޭލައްވާލައެވެ. މި ގަޑިން ތިން މިނެޓަށް ސޯނާ ދިގުދެމޭނެއެވެ. ފުރަތަމަ ދުވާނީ އިޚުތިޔާރުކުރާ ވަހެކެވެ. ދެވަނަ މިނިޓުގައި ސޯނާގަޑިން ކުލަ ބޮތްކެއް ދިއްލައިލާނެއެވެ. އެންމެ ފަހުން އިވޭނީ ސޯނާ އަޑެވެ.
ސޯނާގަޑިން ދުއްވާނެ މީރު ވަސް އިޚުތިޔާރުކުރާނީ 16 ވަހެއްގެ ތެރެއިންނެވެ. އޭގެތެރޭގައި ކަނޑުވައިގެ ހިތްގައިމު ވަހާއި ތެތްފިނި ވިނައިގެ ފިނިފިނި ވަހުން ފެށިގެން އޮރެންޖު ޖޫހާއި ހޫނު ކޮފީގެ އަރާމު ވަސް ހިމެނެއެވެ. ވަސް ދުއްވަން ބޭނުންކުރަނީ ކުދި ކެޕްސޫލް ފޮތިތަކެކެވެ.
ސެންސާވޭކް ސޯނާގަޑިން ދޫކުރަނީ ނޫކުލައިގެ ފަނޑު އައްޔެކެވެ. ސޯނާއަޑުގެ ގޮތުގައި އިޚުތިޔާރުކުރާނެ ފަސް ރާގެއް މިގަޑީގައި ހިމެނެއެވެ. މިއީ ކުއްލިއަކަށް ސޯނާގެ އަޑަށް ފުންމައިގެން ތެދުވުމުގެ ބަދަލުގައި ހިތަށް ފިނިކަން ލިބޭނޭ ގޮތަށް ހޭލަން ފުރުސަތު ހޯދައިދޭ ގަޑިއެކެވެ.