11 ޖޫން 2018 - 21:06

އެކި މަސައްކަތްތައް ކުރާ ގައިދީން ބޭތިއްބުމަށް ޚާއްސަ ޖަލެއް ހަދައިފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން "މާލެ އަހުލުވެރި މަރުކަޒު" އުފައްދައި އެތަނަކީ ޖަލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ އެތަން ހެދީ، ކުރީގެ އެއް ނަމްބަރު ކުނިގޮނޑުގަ އެވެ.
ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިޝަލް އަހުމަދު ލުގުމާން "މިހާރު" އަށް ވިދާޅުވީ، އަހުލުވެރި މަރުކަޒުގައި ތިބޭނީ، މާލޭގެ އެކި މަސައްކަތްކުރާ ގައިދީންނެވެ. އެތަނުގައި، ގިނަ އަދަދެއްގެ ގައިދީންނަށް ތިބެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގެ މަސައްކަތަށް ނެރޭ ގައިދީން ބަލަހައްޓާ މަރުކަޒު އެއީ. މަސައްކަތް އެއްކޮށް ނިމުނީ އެ ގައިދީން ޖަލަށް ދާނީ،" ލުގުމާން ވިދާޅުވި އެވެ.
އަހުލުވެރި މަރުކަޒުގެ ނަމުގައި ޖަލެއް ހެދިއިރު، ގައިދީން އަންނަނީ ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ރިންގް ރޯޑް ޕްރޮޖެކްޓްގެ ދަށުން، މޭރީ ބްރައުން އިން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ބޮޑުތަކުރުފާނުގައި ތާރު އަޅާއިރު، އެ މަސައްކަތުގައި ގައިދީން ހަރަކާތްތެރިވާނެ އެވެ.