12 ޖޫން 2018 - 08:23

ބަތަލާ މަނީޝާ ކޮއިރަލާއަކީ 90ގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދާލި އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރެއިން އެކަކެވެ. އޭނާ ހިމެނެނީ މަޝްހޫރު ތިން ހާނުން ކަމަށްވާ އާމިރް ހާނާއި ޝާހްރުކް ހާނާއި ސަލްމާން ހާނާ އެކު ފިލްމް ކުޅެން ފުރުސަތު ލިބުނު މަދު ބަތަލާއިންގެ ތެރޭގަ އެވެ.
ކެންސަރު ބަލީގެ ޝިކާރައަކަށް 2012 ގައި ވެ، އެކްޓިންއާ ދުރަށްދާން ޖެހުނު އިރު، މަނީޝާ ވަނީ ވަރަށް ރީތި އަދި އެހާމެ ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ހާމޯޝީ، ބޮމްބޭ، ދިލް ސޭ، 1942 އަ ލަވް ސްޓޯރީ، މަން އަދި ގުޕްތު ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. އޭނާ ބޮލީވުޑަށް ނުކުތީ 1991 ގައި ރިލީޒް ކުރި "ސައުދާގަރް" އިންނެވެ.
ކެންސަރު ބަލިން ފަސޭހަވެ، މަނީޝާ އެކްޓިން އަށް އެނބުރި ރުޖޫއަވީ މިދިޔަ އަހަރު އެވެ. އެއީ "ޑިއާ މާޔާ" އިންނެވެ.
މިހާރު ވެސް އޭނާގެ ތިން ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނަން އެބަ އޮތެވެ. އެއީ މި މަހުގެ 29 ގައި ރިލީޒް ކުރާ "ސަންޖޫ" އާއި އަންނަ މަހުގެ 15 ގައި ނެޓްފްލިކްސް ސްޓްރީމް ކުރާ "ލަސްޓް ސްޓޯރީސް" ގެ އިތުރުން އަދި ވަކި ތާރީހެއް އިއުލާންކޮށްފައި ނުވާ "ޕްރަސްތާނަމް" އެވެ.
"ސަންޖޫ" ގައި މަނީޝާ ކުޅެފައި ވަނީ އެ ފިލްމްގައި ސަމްޖޭ ދަތުގެ ރޯލް ކުޅެފައިވާ ރަންބީރު ކަޕޫރްގެ މަންމަގެ ރޯލެވެ. އެއީ ސަންޖޭގެ މަންމަ ނަގްރިސް ދަތުގެ ރޯލެވެ.
"އަހަންނަށް ކުރިއެކޭ އެއްގޮތަށް ފުރުސަތު ލިބެން ފެށީމަ ވަރަށް އުފާވި، އަހަރެން ބުނާނީ ބޮލީވުޑަކީ އަބަދު ވެސް ހުޅުވާލެވިފައި އަތަކާ އެކު އަހަންނަށް މަރުހަބާ ކިޔާ ތަނެކޭ،" ނޭޕާލްގެ ސިޔާސީ އާއިލާއަކަށް އުފަން 47 އަހަރުގެ ބަތަލާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެކްޓިންއަކީ ފުރަތަމަ ލޯތްބެވެ. އެހެންވެ އެކަމަކާ ވައްކެއް ނުވެވޭނެ އެވެ. މަނީޝާ ބުނި ގޮތުގައި މިހާރު ފިލްމްތަކުގައި ކޮންމެހެން ލީޑް ބަތަލާގެ ރޯލް ކުޅުން މުހިއްމެއް ނޫނެވެ.
"ކިތަންމެ ކުޑަކުޑަ ރޯލަކަށް ވިޔަސް މޮޅު އެކްޓިންއެއް ދެއްކޭ ކަހަލަ ރޯލެއްވެއްޖިއްޔާ އަހަރެން ހަމަ ރެޑީގައި ހުންނާނީ،" އޭނާ ބުންޏެވެ. "އަހަރެން ބުނާނީ ކެންސަރުން ފަސޭހަވުމަށް މިއީ އަނެއްކާ ވެސް ހަމަ އަހަރެންގެ ކެރިއަރުގެ އާ ފެށުމެކޭ. މަރުވަންދެން ވެސް އަހަރެން އެކްޓް ކުރާނަން."
މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ތަމަޅަ ފިލްމް "99 ސޯންގްސް" އިން ވެސް މަނީޝާ ފެނިގެން ދާނެ އެވެ.
އެ ފިލްމަކީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން ޕްރޮޑިއުސްކޮށް، އޭނާގެ ވާހަކައަކަށް ހަދާ ފިލްމެކެވެ.