ވޯލްޑް ކަޕް ފޯރިއާ އެކު، ޖާޒީއަށް ޑިމާންޑް ބޮޑުވެއްޖެ
ވޯލްޑް ކަޕް ފޯރިއާ އެކު، ޖާޒީއަށް ޑިމާންޑް ބޮޑުވެއްޖެ

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ ޖާޒީގެ ޑިމާންޑް ބޮޑުވެ، މާލޭގެ ގިނަ ފިހާރަތަކުން ޖާޒީ ހުސްވާން ފަށައިފި އެވެ.

ވޯލްޑް ކަޕް ފޯރިއާ އެކު، ޖާޒީއަށް ޑިމާންޑް ބޮޑުވެއްޖެ
ވޯލްޑް ކަޕް ފޯރިއާ އެކު، ޖާޒީއަށް ޑިމާންޑް ބޮޑުވެއްޖެ

މާލޭގައި ކުޅިވަރު ސާމާނަށް ހާއްސަ އެންމެ މަޝްހޫރު އެއް ފިހާރަ ކަމަށް ވާ ސޮނީ ސްޕޯޓްސް އިން މިހާރު ވެސް ވަނީ މަޝްހޫރު ގިނަ ޓީމުތަކުގެ ޖާޒީ ހުސްވެފަ އެވެ.

"ވަރަށް މަދު ޓީމެއްގެ، ވަރަށް ލިމިޓެޑް ސައިޒުތައް އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރީ،" ސޮނީ ސްޕޯޓްސްގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު މުހައްމަދު ޝަހުލީން ވިދާޅުވި އެވެ.

"އެކަމަކު ވޯލްޑް ކަޕްގެ ރަސްމީ ބޯޅަ އާއި ކެޕް ކަހަލަ މާޗެންޑައިސް އެބަހުރި."

މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޖާޒީ ވިއްކާ އެއް ފިހާރަ ކަމަށްވާ ސަންޓާނާ ފިހާރަ އަށް ވެސް އެކި ޓީމުތަކުގެ ޖާޒީ ގަންނަން ވަރަށް ގިނަ މީހުން ދެ އެވެ.

"އަޅުގަނޑުމެންގެ އަތުގައި އަދި އެބަހުރި އަތް ދިގު އަދި އަތް ކުރު ޖާޒީ ވެސް. ލީޑިން ޓީމުތަކުގެ ޖަޒީ އެކަނި އަޅުގަނޑުމެން މި ގެންނަނީ،" ސަންޓާނާ ފިހާރައިގެ ވެރިއެއް ކަމަށްވާ އަލީ ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސެންޓާނާ އިން ވިއްކަމުން އަންނަ އެކި ގައުމުތަކުގެ ބެނާއަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ޓީމުތަކުގެ ދިދަ ފަތިތައް މިހާރު ހުސްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސްޕޯޓްސް ޕްލަސް އިން ބުނީ ޖާޒީތަކުގެ ޑިމާންޑް ބޮޑުވުމުން، މި ދުވަސްކޮޅު ވިޔަފާރި ވަރަށް ރަނގަޅު ކަމަށެވެ. ހާއްސަކޮށް އެ ފިހާރަ އިން ވިއްކަމުން އަންނަ ކުޑަ ކުދިންގެ ޖާޒީއަށް އޮތް ޑިމާންޑް ވަރަށް ބޮޑު ކަމަށް އެތަނުން ބުންޏެވެ.

"އިންފެންޓުންގެ ޖާޒީ އަޅުގަނޑުމެން މި ވިއްކަން ފެށީ. ވަރަށް ޑިމާންޑް ބޮޑު،" ސްޕޯޓްސް ޕްލަސް އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޮންލައިން ކޮން ޖަޒީ ވިއްކާ މީހުންގެ ތެރެއިން "މިހާރު" އަށް ވާހަކަ ދެއްކި ގިނަ މީހުން ބުނަނީ ވިޔަފާރި ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން ވޯލްޑް ކަޕްގެ ޖާޒީ، ސްޓޮކް ގެންނަ ވަރަކުން ވިކި ހުސްވާ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

އެންމެ ޑިމާންޑް ބޮޑީ ދިވެހިންގެ ފޭވަރިޓް ޓީމުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ ބްރެޒިލް، އާޖެންޓީނާ، ފްރާންސް، ޕޯޗުގަލް އަދި ސްޕެއިންގެ ޖާޒީ އަށެވެ.