"ދަޅަކް"ގެ ޓްރެއިލާ: ޖާންވީ ކަޕޫރްގެ އެކްޓިން ކިހިނެއް؟
"ދަޅަކް"ގެ ޓްރެއިލާ: ޖާންވީ ކަޕޫރްގެ އެކްޓިން ކިހިނެއް؟

ޖާންވީ ކަޕޫރް ބޮލީވުޑަށް ތައާރަފުވާ ފިލްމް "ދަޅަކް" ގެ ޓްރެއިލާ އަށް ކުރަމުން އައި އިންތިޒާރު މިއަދު ނިމުމަކަށް ގެނެސް، އޭނާގެ ހުނަރު ދައްކާލައިފި އެވެ.

މި ފިލްމަށް އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ސަބަބަކީ ޖާންވީއަކީ ދާދި ފަހުން މަރުވި ބަތަލާ ސްރީދޭވީގެ ދަރިއަކަށްވުމެވެ.

އެހާމެ މޮޅު ބަތަލާއެއްގެ ދަރިއެއްގެ ފަރާތުން ވެސް ހަމަ އެހާމެ މޮޅު އެކްޓިންއެއް ފެނިގެން ދާނެ ކަމަށް ކުރެވޭ އުންމީދުތައް ވެސް ބޮޑީ އެވެ. ދެން އޮތީ ބެލުންތެރިން ޓްރެއިލާ ބަލައިފައި، ޖާންވީ ޖަޖް ކުރުމެވެ.

ޔަގީނުން ވެސް ޓްރެއިލާ އިން ޖާންވީ ފެންނަލެއް ރީތިވެފައި، އެކްޓިންގައި ވެސް އަޅައި ގަންނަ ގޮތްތަކެއް އެބަ ހުއްޓެވެ. މަންމަ ސްރީދޭވީ ވަކިވެގެން ދިޔައީ 300 އެއްހާ ފިލްމް ކުޅެފައި ކަމަށްވާތީ، ޖާންވީ އާއި ސްރީދޭވީގެ އެކްޓިން އަޅާ ކިޔުމަކީ އަދި އެހާ އިންސާފުވެރި ކަމަކަށް ވެސް ނުވާނެ އެވެ.

އެކަމަކު ޖާންވީއާ ދޭތެރޭ ކުރެވޭ އުންމީދުތައް ގައިމު ވެސް ބޮޑެވެ. "ދަޅަކް" އަކީ އޭގެ ފެށުން ކަމަށް ބަލަމާ ހިނގާށެވެ. އުމުރުން 21 އަހަރުގެ ބަތަލާގެ ކެރިއާ އަދި ކުރިއަށް އޮތީ އެވެ.

ދެން އޮތް ކަމަކީ އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް އިންތިޒާރު ކުރުމެވެ. "ދަޅަކް" ސިނަމާތަކަށް އަންނާނީ އެ ދުވަހު އެވެ.

މި ފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝަޝަންކް ކައިތާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޝަޝަންކް މިހާތަނަށް ޑައިރެކްޓް ކުރި ދެ ފިލްމަކީ ވެސް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ދެ ފިލްމަށްވާތީ، އޭނާގެ ހުނަރާ މެދު އެއްވެސް ބަޔަކު މިހާރު ޝައްކެއް ނުކުރާނެ އެވެ. އެ ދެ ފިލްމަކީ އާލިއާ ބަޓާއި ވަރުން ދަވަން ލީޑް ރޯލް ކުޅުނު "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" އާއި "ބަދްރީނާތު ކީ ދުލްހަނިޔާ" އެވެ.

"ދަޅަކް" އަކީ 2016 ހައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި މަރާޓީ ފިލްމް "ސައިރާތު" އަސްލަކަށް ބަލައިގެން ހަދާފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

މި ފިލްމްގައި ޖާންވީއާ އެކު ބަތަލުގެ ރޯލް ކުޅެފައި ވަނީ ޝާހިދު ކައްޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ޙައްތަރު އެވެ. އެކަމަކު "ދަޅަކް" އަކީ އޭނާގެ ފުރަތަމަ ފިލްމެއް ނޫނެވެ. އިޝާންގެ އެކްޓިން ހުނަރު ދައްކައިލި ފުރަތަމަ ފިލްމަކީ މިދިޔަ މާޗް މަހު ރިލީޒް ކުރި، އީރާންގެ ޑައިރެކްޓަރު މާޖިދު މާޖިދީގެ "ބިޔޯންޑް ދަ ކްލައުޑްސް" އެވެ.

ކޮންމެއަކަސް ޖާންވީ އާއި އިޝާންގެ ޖޯޑަކީ ބެލުންތެރިން ސްކްރީނުން ބަލައިލަން މިހާރު ކެތްމަދުވެފައިވާ ޖޯޑެކެވެ. ދެ ތަރިންނަށް ޖާދޫ ދެއްކެނީ ކިހާ ވަރަކަށްތޯ ބަލައިލަން ފިލްމް ސިނަމާތަކަށް އަންނަން ދެން މަޑުކޮށްލަމާ ހިނގާށެވެ.

"ދަޅަކް" ގެ ޓްރެއިލާ ރިލީޒް ކުރުމާ ދިމާކޮށް، ޖާންވީގެ އެއްބަފާ ބޭބެ އަދި މަޝްހޫރު އެކްޓަރު އަރްޖުން ކަޕޫރް ވަނީ އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ. "ނަމަސްތޭ އިންގްލެންޑް" ގެ ޝޫޓިން އަށް މި ވަގުތު ލަންޑަނުގައި ހުރެ، އޭނާ ކުރި ޓްވީޓެއްގައި ބުނީ މިއަދުން ފެށިގެން ޖާންވީ އޯޑިއަންސާ ހަވާލުވީ ކަމަށެވެ. އަދި އޭނާ އަބަދު ވެސް ކޮއްކޮއާ އެކު ހުންނާނެ ކަމަށް އަރްޖުން ބުންޏެވެ.