11 ޖޫން 2018 - 13:40

އީދު ހަދިޔާގެ ގޮތުގައި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން، ކ. ގުރައިދޫގައި ހުންނަ މަރުކަޒަށް 20،000ރ. ހަދިޔާކޮށްފި އެވެ.
އެ މަރުކަޒުގައި ތިބޭ މީހުންނަށް އެހީވުމަށް ފައިސާ އާއި ތަކެތި ހޯދުމަށް، ގިޔާސުއްދީން ސްކޫލުގެ ކޮމިއުނިޓީ ސާވިސް ކްލަބުން އިސްނަގައިގެން ބޭއްވި ހަރަކާތުގައި ވަނީ، ފައިސާގެ އިތުރުން އަންނައުނު ފަދަ ތަކެތި ވެސް އެއްކޮށްފަ އެވެ. ގިޔާސުއްދީނުން އެ ފައިސާ ހަވާލުކުރީ، ގުރައިދޫ މަރުކަޒަށް އެހީވުމަށް މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ކުރިއަށް ގެންދާ ހަރަކާތަށެވެ.
ގިޔާސުއްދީންގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ، މުޖުތަމައުގެ މަސައްކަތުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކުރަން އެ ސްކޫލުން ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ. އެގޮތުން ކޮމިއުނިޓީ ސާވިސް ކްލަބުގެ ނަމުގައި، ކްލަބެއް އުފައްދައި ދަރިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ކޮމިއުނިޓީ ސާވިސްގެ ތެރޭގައި ދަރިވަރުން ތިން ލެވެލްއެއްގައި މަސައްކަތް ކުރާނެ. އެއީ ސްކޫލު ލެވެލްއާ ދަރިވަރުން އަމިއްލަ ގޮތުން ކުރާ ކަންތައްތަކާއި މުޖުތަމައުގެ ތެރޭގައި ދަރިވަރުން ކޮށްދޭ ކަންތައްތައް. މާލެ ތެރެ ސާފުކުރުން ފަދަ ކަންކަމުގައި ދަރިވަރުން ބައިވެރިވަމުން އަންނަނީ،" ތޯހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޖުތިމާއީ މަސައްކަތްތައް ދަރިވަރުންނަށް ސްކޫލު މާހައުލުގައި ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"އިމްތިހާނަށް ސަމާލުކަން ދިނުމާ އެއްވަރުގެ ކަމެއް، ދަރިވަރުންނަށް އެފަދަ ކަންތައްތައް ދަސްކޮށްދިނުމަކީ،" ތޯހާ ވިދާޅުވި އެވެ.