11 ޖޫން 2018 - 12:16

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އިސްކޮށް އުޅުނު ކައުންސިލަރުންނަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން (އެލްޖީއޭ) އިން ފިޔަވަޅު އަޅަމުން އަންނަނީ ބޭއިންސާފުން ކަމަށް ބުނެ އެ ޕާޓީން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ބޭއްވީ، އެއީ ގާނޫނާޚިލާފު އަމަލެއް ކަމަށް ބުނެ އެކަން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން އެދިގެން ސިވިލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.
އެ އަމުރާ ޚިލާފަށް، ޕްރައިމަރީގެ ވޯޓު ނެގުމުގައި ކައުންސިލަރުން ބައިވެރިވެފައިވާ ކަމަށް ބުނެ އެލްޖީއޭ އިން އަންނަނީ ގިނަ ކައުންސިލަރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. ވޯޓުގައި ކައުންސިލަރުންގެ ބައިވެރިވުން އޮތް މިންވަރު ލިއުމުން އަންގައިދޭން އެދި ކައުންސިލަރުންނަށް އެލްޖީއޭ އިން ވަނީ ސިޓީ ފޮނުވައިފަ އެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ގާނޫނާއި ގަވާއިދާ އެއްގޮތަށް ބޭއްވި އިންތިޚާބުގައި ބައިވެރިވި ކައުންސިލަރުންނަށް ބިރު ދައްކައި ފިޔަވަޅު އަޅަމުންދިއުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށެވެ. ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އެތައް ހައްގަކަށް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި، މި ސަރުކާރުން އަރައިގަނެފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ޕާޓީން ބުނީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދިން އެންމެ ބޮޑު އެއް ފައިދާއަކީ ލާމަރުކަޒީ ނިޒާމް ނަމަވެސް އެ ނިޒާމް ފުނޑާލާފައިވާ ކަމަށެވެ.
"މުޅި ލާމަރުކަޒީ ގާނޫނު ގަޑުބަޑުކޮށް ކައުންސިލްތަކުގެ ބާރުވެރިކަން ވަނީ ނަގާލައިފަ އެވެ. ސަރުކާރާ ވާދަވެރި ސިޔާސީ ފިކުރުގެ ކައުންސިލަރުންނަށް ބޭއިންސާފުން ފިޔަވަޅު އެޅުން މިވަނީ އާންމު އުސޫލަކަށް ވެފަ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނިގޮތުގައި ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒުކޮށް، ކައުންސިލްތަކަށް ލިބިދޭން ޖެހޭ ބާރުވެރިކަން ކަށަވަރު ކޮށްދީ، މަރުކަޒީ ބާރުތަކުން ވީއްލިގެންނެވެ. ރައްޔިތުންގެ ހައްގުގައި ބަސްބުނެ، ކައުންސިލްތަކަށް ގާނޫނުތަކުން ކައުންސިލްތަކަށް ލިބިދޭ ބާރުތަކުގެ ބޭނުން ކުރުމުގެ ސަބަބުން ސިޔާސީ ބޭނުމަށް ބޭއިންސާފުން އަދަބު ދީފައިވާ ހުރިހާ ކައުންސިލަރުންނަށް އެކަމުގެ ބަދަލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ވެސް ބަޔާނުގައި އެމްޑީޕީން ވަނީ ދީފަ އެވެ.
ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން، އެމްޑީޕީގެ ރިއާސީ ޕްރައިމަރީ ބޭއްވި މައްސަލައިގައި އެ ޕާޓީއާ ދޭތެރޭ ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވެސް އޮތީ ނިންމައިފަ އެވެ. ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު އުނިވެފައިވާ ކަމަށާއި އެހެންވެ އެމަނިކުފާނަށް ފުރުސަތު ދިނުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.