ޕްރެޝަރަކީ މައްސަލައެއް ނޫން، އަޒުމް ވަރުގަދަ: ގައުމީ ކޯޗު
ޕްރެޝަރަކީ މައްސަލައެއް ނޫން، އަޒުމް ވަރުގަދަ: ގައުމީ ކޯޗު

ޕްރެޝަރު އޮތުމަކީ މައްސަލައެއް ނޫން ކަމަށާއި އަދި ވަރުގަދަ އަޒުމެއް އޮތުމުން އުނދަގޫތަކާ އެކު ވެސް ރަނގަޅަށް މަސައްކަތްކުރެވޭނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އޮސްޓްރޭލިއާ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ރާއްޖެއާ ހަވާލުވެ ކުޅޭ ފުރަތަމަ މެޗަކަށް ވާނީ އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފުގައި ސެޕްޓެމްބަރު 6 ވަނަ ދުވަހު މާލޭގައި ލާއޮސްއާ ދެކޮޅަށް ކުޅޭ މެޗެވެ. ދެ ވަނަ ލެގު އޮންނާނީ ރަށުން ބޭރުގައި އޮކްޓޯބަރު 11 ގަ އެވެ.

"މަގާމުގައި ހުރެވޭނީ ޕްލޭއޮފުގައި ޕޮޒިޓިވް ނަތީޖާއެއް ނެރެގެން. އޭގެ ސަބަބުން އަހަންނަށް ޕްރެޝަރު ބޮޑުވާނެ. އެކަމަކު އެކަމުގައި އަހަރެންގެ އެއްވެސް މައްސަލައެއް ނެތް،" އީއެސްޕީއެން ބްލޮގަށް ދިން އިންޓަވިއުއެއްގައި ސްޓެވާޓް ބުންޏެވެ.

ސްޓެވާޓް ބުނީ ލާއޮސް މެޗުގެ ކުރިން ކުޅުންތެރިންނާ އެކު ޕްރެކްޓިސް ކުރަން ލިބޭނީ 10 ދުވަސް ކަމަށާއި އެއީ ދިގު މުއްދަތެއް ނޫން ކަމަށާއި އެކަމަކު ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކުރާނެ ކަމަށެވެ.

"(އެ މުއްދަތުގެ ބޭނުން ހިފައި) އަހަންނަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރާނަން. މިކަމުގައި އިތުރު ގޮތެއް ނެތް. އަހަންނަކީ އަޒުމެއްގައި ހުންނަ މީހެއް،" ސްޓެވާޓް ބުންޏެވެ.

ސްޓެވާޓް ވަނީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގު ކަޕް ބަލެސްޓިއާ ޚަލްސާ އަށް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ކުރިން 2009-2011 އަށް ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިން އިރު އޭނާ އެންމެ ފަހުން ކޯޗުކޮށްދިނީ ސިންގަޕޫރުގެ ވުޑްލެންޑްސް ވެލިންޓަން އެފްސީ އަށެވެ. މީގެ އިތުރުން 2004-2005 އަށް ސިންގަޕޫރުގެ ގަދަބާރު ގޭލެންގް ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި އެވެ.

ސްޓެވާޓް ބުނީ ރާއްޖޭން ފުރުސަތު ލިބުމުން ވަގުތުން އޮފާ ގަބޫލުކުރި ކަމަށާއި މިފަދަ ފުރުސަތެއް އާއްމުކޮށް ނުލިބޭނެ ކަމަށެވެ.

"އަހަންނަށް ސިންގަޕޫރާއި މެލޭޝިއާ އިން ރަނގަޅު އޮފާތަކެއް އައިސްފައި ހުރީ. އެކަމަކު އެސް ލީގުގައި ނުވަ އަހަރު ހެޑްކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަހު އަހަރެން ބޭނުންވީ ސިކުނޑި ތާޒާކޮށްލައި އަހަރެންގެ ބެޓެރީ ރީޗާޖްކޮށްލަން،" އޭނާ ބުނެފައިވެ އެވެ.

އުމުރުން 50 އަހަރުގެ ސްޓެވާޓް ވަނީ 1986 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބް ލެވެލްގައި ކުޅެފަ އެވެ. އެގޮތުން އޮސްޓްރޭލިއާގެ ނިއުކާސަލް ބްރޭކާސް އާއި ބްލެކްޓަން ސިޓީ އަދި މެލޭޝިއާގެ ޖޮހޯރު އެފްސީ އަދި ސިންގަޕޫރުގެ ބަލެސްޓިއާ އަށް ކުޅުނެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް އާ ކޯޗެއް ހަމަޖެއްސި އިރު އެންމެ ފަހުން އެ މަގާމުގައި ހުރީ އޮސްޓްރޭލިއާއާ ވާދަވެރި ނިއު ޒީލެންޑުގެ ރިކީ ހާބަޓެވެ. ނިއު ޒީލެންޑް ގައުމީ ޓީމަށް 1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅެ އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކޯޗުކޮށްދިން ހާބަޓް ވަކިކުރީ ސަރަހައްދީ ތިން މުބާރާތަކުން ނާކާމިޔާބީއާ ކުރިމަތިވެ އަދި ވޯލްޑް ކަޕް ކޮލިފައިންގައި އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުމުންނެވެ.