"އޮކްޓޯބާ"ގެ ލިޔުންތެރިޔާ ޖޫހީ ކޮޕީކުރި ކަމަށް ބުނެ ދައުވާކޮށްފި
"އޮކްޓޯބާ"ގެ ލިޔުންތެރިޔާ ޖޫހީ ކޮޕީކުރި ކަމަށް ބުނެ ދައުވާކޮށްފި

މިދިޔަ އެޕްރީލް މަހުގެ 13 ގައި ރިލީޒް ކުރި ވަރުން ދަވަންގެ ފިލްމް "އޮކްޓޯބާ" އަކީ މަރާޓީ ފިލްމް "އާރްތީ: ދި އަންނޯން ލަވް ސްޓޯރީ" ގެ ވާހަކަ ކޮޕީކޮށްގެން ހަދާފައިވާ ފިލްމެއް ކަމަށް ބުނެ ސްކްރީން ރައިޓަރު ޗޫހީ ޗަތުރަވެދީ އަށް "އާރްތީ"ގެ ޑައިރެކްޓަރު ސާރިކާ މެނޭ ދައުވާކޮށްފި އެވެ.

އޭނާ ބުނި ގޮތުގައި "އޮކްޓޯބާ" ގެ ވާހަކަ އާއި އެ ފިލްމް ގެނެސްދީފައި އޮތް ގޮތުން، އެއީ އޭނާގެ ފިލްމްގެ ކޮންސެޕްޓް ކޮނެގެން ހަދާފައި އޮތް ފިލްމެއްކަން ވަރަށް ރަނގަޅަށް ސާބިތުވެ އެވެ. އަދި އެކަން "އޮކްޓޯބާ" ގެ ޓީމުން ކުރީ ކޮޕީރައިޓް ގާނޫނާ ހިލާފަށް ކަމަށް ރާދިކާ ބުންޏެވެ.

އެކަމަކު "އޮކްޓޯބާ" ގެ ޓީމުން އޭނާ ކްރެޑިޓް ދީފައި ނުވާތީ ދައުވާކުރަން ނިންމީ ކަމަށް ވެސް ސާރިކާ ބުންޏެވެ. "އޮކްޓޯބާ" ޓީމުން ކްރެޑިޓް ނުދީ ފިލްމް ހަދާފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު މާލީ ގޮތުން ވެސް ނަގައި ދޭން ރާދިކާ އެދިފައިވެ އެވެ.

މި މައްސަލަ ސާރިކާ ވަނީ އިންޑިއަން މޯޝަން ޕިކްޗާސް ޕްރޮޑިއުސާސް އެސޯސިއޭޝަން (އައިއެމްޕީޕީއޭ) އާއި ސްކްރީން ރައިޓާސް އެސޯސިއޭޝަން (އެސްޑަބްލިއުއެސްއޭ) ވެސް ހުށަހަޅައިފަ އެވެ.

ސާރިކާ އޮގަސްޓް، 11، 2017 ގައި ގެނެސް ދިން ފިލްމް "އާރްތީ" ގައި ކިޔައިދެނީ ލޯބިވެރިޔާ އެކްސިޑެންޓަކާ ގުޅިގެން ކޯމާއަކަށް ދިއުމުން ފިރިހެން ކުއްޖާވާ ގުރުބާނީތަކެވެ. "އޮކްޓޯބާ" ގައި ވެސް ކިޔައި އެކްސިޑެންޓަކާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރާ އަންހެން ކުއްޖަކާއި އޭނާގެ ލޯބިވެރިޔާގެ ވާހަކަ އެވެ.

"އާރްތީ" ގެ ވާހަކަ ބިނާކޮށްފައި ވަނީ ސާރިކާގެ ފިރިހެން ކޮއްކޮ ސަނީ ޕަވަރަށް ދިމާވީ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. މި ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ ރޯޝަން ވިޗާރޭ އާއި އަންކިތާ ބޮއިރް އެވެ.

ސުޖިތު ސިރްކާސް ޑައިރެކްޓް ކުރި "އޮކްޓޯބާ" ގައި ލީޑް ރޯލް ކުޅުނީ ވަރުން ދަވަން އާއި ބަނީތާ ސަންދޫ އެވެ. މީގެ ސްކްރީންޕްލޭ ލިޔުނު ޖޫހީއަކީ 2015 ގައި ސުޖިތު ޑައިރެކްޓް ކުރި "ޕީކޫ" ލިޔެގެން ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ސްކްރީންރައިޓަރެކެވެ.

އުންމީދު ކުރި ވަރަށް ބޮކްސް އޮފީހުގައި "އޮކްޓޯބާ" ނުހިނގި ނަމަވެސް 20 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމަށް 54.74 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ. އަދި މި ފިލްމްގެ ސްޓްރީމިން ރައިޓްސް ވަނީ އެމެޒޯން ޕްރައިމް ވީޑިއޯ އަށް 35 ކްރޯޑް ރުޕީސް އަށް ވިއްކާލައިފަ އެވެ.