ބްރެޒިލް ދެކެ ޓީމުތަކުން ޖެހިލުންވާނެ: ޓީޓޭ
ބްރެޒިލް ދެކެ ޓީމުތަކުން ޖެހިލުންވާނެ: ޓީޓޭ

ލަންޑަން (ޖޫން 11) - ބްރެޒިލް މި ވަގުތު އޮތް ފޯމަށް ބަލާއިރު ގިނަ ޓީމުތަކުން ޖެހިލުންވާނެ ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފި އެވެ.

ބްރެޒިލްގެ ކޯޗުކަމާ ޓީޓޭ ހަވާލުވި ފަހުން އެ ޓީމުން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. މިއީ ބްރެޒިލްގެ ކޯޗުކަމާ ޓީޓޭ ހަވާލުވި ފަހުން އެ ޓީމު ކުޅުނު 21 ވަނަ މެޗެވެ. އޭގެ ތެރެއިން 17 މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.

"މިއީ އަހަރެން އެންމެ އުފާވާ މަންޒަރު ހުރިހާ ކަމެއް ފުރިހަމަ. މި ފޯމުގައި އަހަރެމެން ކުޅެފިނަމަ ވަރަށް ގިނަ ޓީމުތަކުން އަހަރެމެން ދެކެ ޖެހިލުންވާނެ. މިހާރު ހުރިހާ ކުޅުންތެރިން އެ ތިބީ އެއް ޖޯޝެއްގައި. ވަރަށް ކެތްމަދުވެފައި މި ތިބީ މުބާރާތައް،" ޓީޓޭ ބުންޏެވެ.

އޭނާ ބުނީ އަނިޔާއިން ރަނގަޅުވެ ޓީމަށް އެނބުރި އައިސް ނޭމާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އެހެން ކުޅުންތެރިންނަށް ހިތްވަރު ލިބިފައިވާ ކަމަށެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލް ކުޅުނު ފަހު މެޗުގައި ރޭ ވަނީ 3-0 އިން އޮސްޓްރިއާ އަތުން މޮޅުވެފަ އެވެ. ކެޕްޓަން ނޭމާ ފުރަތަމަ އެގާރައިގައި ކުޅުނު މި މެޗުގައި ބްރެޒިލަށް ލީޑުނަގައިދިނީ މެންޗެސްޓާ ސިޓީގެ ފޯވާޑް ގަބްރިއެލް ޖީސޫސް އެވެ. ދެ ވަނަ ލަނޑު ޖެހީ ނޭމާ އެވެ. މިއާ އެކު ނޭމާ ވަނީ ބްރެޒިލް ތާރީހުގައި 55 ލަނޑު ޖަހައިގެން ކުރީގެ ކުޅުންތެރިޔާ ރޮމާރިއޯ ހަދާފައިވާ ރެކޯޑާ ހަަމަކޮށްފަ އެވެ.

ބްރެޒިލްގެ ފަހު ލަނޑު ޖެހީ ރޮބާޓޯ ފިރްމީނޯ ދިން ބޯޅަ އަކުން ފިލިއްޕޭ ކުޓީނިއޯ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހަށް ފަހު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބްރެޒިލް ބަލިވެފައިނުވެ އެވެ. އަމިއްލަ ގައުމުގައި އެންމެ ފަހުން 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ހިތްދަތި ގޮތަކަށް ސެމީ ފައިނަލުން ޖަރުމަން އަތުން ކެޓުމުން މި ފަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލް ނުކުތީ އެކަން ހަނދާން ނައްތާލާ ކާމިޔާބު ހޯދުމުގެ އަޒުމުގަ އެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް އޮތީ ސްވިޒަލެންޑާއި ކޮސްޓަ ރިކާ އަދި ސާބިއާއާ އެކު ގްރޫޕް އީ ގަ އެވެ.