ފޮޓޯ ނަގާ މީހުންނަށް ރަންގަނޑެއް
ފޮޓޯ ނަގާ މީހުންނަށް ރަންގަނޑެއް

ސްމާޓްފޯނުގެ މިޒަމާނުގައި ކޮންމެ މީހަކީ ވެސް ފޮޓޯގްރާފަރެކެވެ. ތަފާތަކީ ބޭނުންކުރާ އިތުރު ސާމާނު އެންމެންގެ އަތުގައި ނުހުންނަ ކަމެވެ.

ރީތި، ސާފު، ނުގުޑާ ފޮޓޯ ނަގަން ގިނަ ފޮޓޯގްރާފަރުން ގެންގުޅޭ އެއް އާލާތަކީ ޑޮލީއެވެ. ޑޮލީއަކީ ފުރޮޅުލީ ކެމެރާ ހަރެކެވެ. ޑޮލީގައި ކެމެރާ ބަހައްޓައިގެން ފޮޓޯ ނެގުމުން، ކެމެރާ އަތުން ހިފައިގެން އުޅޭއިރު އަރާ ގުޑުންތަކުން ފޮޓޯތައް ސަލާމަތްކޮށްދެއެވެ. ޑޮލީގެ އެންމެ ބޮޑު މައްސަލައަކީ އުފުލައި ގެންގުޅުމުގައި އުނދަގޫވުމެވެ. އެކަމަކު އެކަން ބަދަލުކޮށްލާނެ ޑޮލީއެއް މިހާރު ބާޒާރަށް އެބަ ނުކުމެއެވެ.

"މޫވީ"ގެ ނަން ދީފައިވާ ޑޮލީއަކީ ރޫޅައި ރާވައި ރައްކާކުރަން ވެސް ފަސޭހަ ކުޑަކުޑަ ޑޮލީއެކެވެ. ޔޫޓިއުބް ވީޑިޔޯ ހަދާ މީހުންނަށް މިއީ ރަންގަނޑެކެވެ. ބަންދުކޮށްފައި އޮންނައިރު މޫވީ ޑޮލީ، ފޯނަކަށްވުރެ ބޮޑެއް ނޫނެވެ. ސައިބޯންޏަކާ ވެސް ވައްތަރުވެއެވެ. ބޭނުންކުރަންވުމުން ފައިކަށިތައް ހުޅުވާލާފަ ކެމެރާ ހަރަށް އަރުވަންވީއެވެ.

ސްމާޓްފޯނާއި ގޯޕްރޯ އާއި ޑީއެސްއެލްއާރު ވެސް މިހަރުގައި ބެހެއްޓެއެވެ. މޫވީގެ ފުރޮޅުތައް ދުވާނީ ޓްރެކްމަތީގައެވެ. ޓްރެކުން ކަސިޔާރުވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މިހަރަށް އެންމެ ބަރުވެގެން އުފުލޭނީ ފަސް ކިލޯއެވެ. މޫވީ ޑޮލީގެ ބަރުމިނުގައި ހުންނަނީ އެންމެ 100 ގްރާމެވެ.