27 ޖުލައި 2016 - 09:30

ލަންޑަން (ޖުލައި 27) - އަނިޔާގެ ސަބަބުން ކުރިއަށް އޮތް އޮލިމްޕިކް ގޭމްސްގައި އަދި ސީޒަނުގެ ބާކީބައިގައި ނުކުޅެވޭނެ ކަމަށް ދުނިޔޭގެ އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ އިއުލާންކޮށްފި އެވެ.
ގްރޭންޑް ސްލޭމް 17 މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފައިވާ ފެޑެރާ ބުނީ ކެރިއަރު އިތުރު އަހަރުތަކަށް ދިގު ދަންމަން ބޭނުން ނަމަ، ކަކުލަށް ލިބިފައިވާ އަނިޔާ އިން ސަލާމަތްވާން ބޮޑު ރިހެބިލިޓޭޝާން ޕްރޮގްރާމެއް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
"ޑޮކްޓަރުންގެ އިރުޝާދަކީ ކަކުލާއި އަހަރެންގެ ހަށިގަނޑު ރިކަވާވާން އެކަށީގެންވާ ވަގުތު ދިނުން،" ފެޑެރާ ބުންޏެވެ.
އުމުރުން 34 އަހަރުގެ ފެޑެރާ ވަނީ މި އަހަރުގެ ޖެނުއަރީ މަހު ކަކުލުގެ އޮޕަރޭޝަނެއްކޮށްފަ އެވެ. އޭގެ ފަހުން މޭ މަހު އޭނާގެ ބުރަކަށްޓަށް އަނިޔާވެ، ފްރެންޗެ އޯޕަންގައި ކުޅެވޭ ގޮތެއް ނުވި އެވެ.
ފެޑެރާ ބުނީ ރިއޯ އޮލިމްޕިކްސްގައި ސްވިޒަލެންޑް ތަމްސީލް ނުކުރެވޭތީ ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި ސީޒަނުގެ ބާކީބައިގައި ވެސް ނުކުޅެ ހުންނަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެކަމަކު ގައިގައި ހުރި ހުރިހާ ހަކަތައެއް ބޭނުންކޮށް، ކުރިއަށް ވުރެ ވަރުގަދަކަމާ އެކު އަންނަ އަހަރު އެނބުރި އަންނަން މަސައްކަތްކުރާނެ ކަމަށް ފެޑެރާ ބުންޏެވެ.
ފެޑެރާ ވަނީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގައި ޑަބަލްސް އިން ރަން މެޑަލް ހާސިލްކޮށްފަ އެވެ. އެކަމަކު އޭނާ އަށް ދުވަހަކު ވެސް ސިންގަލްސް އިވެންޓުން ރަން މެޑަލެއް ނުހޯދެ އެވެ. އެންމެ ފަހުގެ ލަންޑަން އޮލިމްޕިކްސްގެ ފައިނަލުން އިނގިރޭސި ވިލާތުގެ އެންޑީ މަރޭ އަތުން އޭނާ ބަލިވީ އެވެ.