11 ޖޫން 2018 - 08:15

ޔަމަންގެ ބަނދަރު ރަށެއް ކަމަށްވާ ހުދައިދާ އާއި އެ ރަށުގެ ވަށައިގެންވާ ސަރަހައްދުގައި ދެ ފަރާތުގެ މެދުގައި ބަދަލުކުރާ ހަމަލާތައް އިއްޔެ އިން ފެށިގެން ވަރުގަދަވެފައިވާ ކަމަށް ޔަމަންގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
ޔަމަނަށް އެތެރެ ކުރާ މުދަލުގެ ގާތްގަނޑަކަށް 70 ޕަސެންޓް އެތެރެ ކުރަނީ ހުދައިދާ ބަނދަރުން ކަމަށްވާ އިރު، އެ ރަށް މިހާރު ވެސް އޮތީ، އިދިކޮޅު ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. ރަށު ތެރޭގައި ހޫތީ ހަނގުރާމަވެރިން ތިބި އިރު، ސަރުކާރު ސިފައިންނާއި، ސައޫދީ އަރަބިއްޔާ އިން އުފައްދާފައިވާ ގުޅިފައިވާ އަރަބި ލަޝްކަރުގެ ސިފައިން ތިބީ ހުދައިދާ ހިސާރު ކޮށްގެންނެވެ.
ހުދައިދާ ކައިރީގައި ހަމަލާ ބަދަލު ކުރުން އިތުރުވެފައި މިވަނީ، މިއަހަރުގެ ފިތުރު އީދަށް ހަމަލާ ބަދަލުކުރުން މެދުކަނޑައިލެވޭތޯ އދ. އިން ދެ ފަރާތާ އެކު މަޝްވަރާ ކުރަމުން ދަނިކޮށެވެ. އދ. އިން ބުނާ ގޮތުގައި ހުދައިދާގެ ހަމަލާތައް އަވަސް މުއްދަތެއްގައި ހުއްޓާނުލައިފި ނަމަ، އެ ރަށުގައި ދިރިއުޅޭ 250،000 މީހުންގެ އާބާދީއަށް ބޮޑު އިންސާނީ މުސީބާތަކާ ކުރިމަތިވެދާނެ އެވެ.
މީގެ އިތުރުން މުޅި ޔަމަނަށް ބޭނުންވާ ގިނަ ތަކެތި ޔަމަނަށް އެތެރެ ކުރަނީ މި ބަނދަރުން ކަމަށްވާތީ، މި ބަނދަރުގެ ހިސޯރު ދެމިގެންދާ ނަމަ، މުޅި ޔަމަނަށް އެކަމުގެ ނުރައްކާ ކުރިމަތިވާނެ ކަމަށް އދ.ގެ އިންސާނީ އެހީތެރިކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
ހޫތީ ހަނގުރާމަވެރިންނާއި ޔަމަން ސަރުކާރު ސިފައިން ވެސް ގޮތް ދޫނުކުރުމުން، އދ.އިން މިހާރު ހޫތީ ހަނގުރާމަވެރިންނަށް ހުށަހަޅާފައިވަނީ ހުދައިދާގެ ބަނދަރު އދ.ގެ ބެލުމުގެ ދަށަށް ދޫކޮށްލުމަށެވެ. އޭރުން ޔަމަނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އެތެރެކުރުން ފަސޭހަވެގެންދާނެ ކަމަށް އދ. އިން ބުނެ އެވެ. ނަމަވެސް މިހާތަނަށް އެކަމަށް އެއްބަހެއް ނުވެ އެވެ.
ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހުދައިދާގެ ކައިރީގައި އެންމެ ގަދަ އަށް ހަމަލާ ބަދަލުކުރަމުން އަންނަނީ ގުޅިފައިވާ ލަޝްކަރުގައި ހިމެނޭ އެމިރޭޓްސް ސިފައިން ގާއިމުވެ ތިބި ސަރަހައްދުގަ އެވެ. އެ ސަރަހައްދަށް ހޫތީ ހަނގުރާމަވެރިން ހަމަލާ ދޭން ފެށުމާ އެކު، ގުޅިފައިވާ ލަޝްކަރުގެ އަސްކަރީ މަތިންދާބޯޓުތަކުން އިއްޔެ އާއި ހޮނިހިރު ދުވަހު ވެސް ވަނީ ހޫތީންގެ އަމާޒުތަކަށް ބޮން އަޅައިފަ އެވެ.
އދ. ގެ މެދުވެރިން މިހާރު އެކުލަވާލާފައިވާ ސުލްހައިގެ މަޝްރޫއާ ބެހޭ ގޮތުން ވެސް ހޫތީންނާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ މަޝްރޫއުގައި ކަނޑައަޅާފައިވަނީ، ހޫތީންގެ އަތުގައި ހުރި މިސައިލްތައް އދ.ގެ ސުލްހަ ބަލަހައްޓާ ލަޝްކަރާ ހަވާލު ކުރުމަށެވެ. އޭގެ ބަދަލުގައި، ގުޅިފައިވާ ލަޝްކަރުގެ ބޮމުގެ ހަމަލާތައް ހުއްޓައިލުމާއި، އިންތިގާލީ ސަރުކާރެއް ގާއިމުކުރުމުގެ ވާހަކަތައް ފެށުމެވެ.
ހޫތީންގެ ހަތިޔާރުތައް ބަހައްޓައި ސުލްހައިގެ އެއްބަސްވުމަކަށް އާދޭތޯ މީގެ ކުރިން އދ. އިން ކުރި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ. ފަސް އަހަރު ވާން ކައިރިވެފައިވާ މި ހަނގުރާމައިގައި ޔަމަންގެ ވެރިރަށް ހޫތީންގެ ބާރުގެ ދަށަށް ދިޔައީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއާ އެކު ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ ފިއްލަވައިގެން ސައޫދީ އަށް ވަޑައިގެން ވެރިކަން ކުރައްވަމުން ގެންދެވީ ގައުމުން ބޭރުގަ އެވެ.
ގުޅިފައިވާ ލަޝްކަރުން ތުހުމަތުކުރާ ގޮތުގައި، ހޫތީ ހަނގުރާމަވެރިން ހުދައިދާ އަށް ވެރިވެގަތީ އީރާނުން ފޯރުކޮށްދޭ ހަތިޔާރުތައް ފަސޭހަކަމާ އެކު ޔަމަނަށް އެތެރެ ކުރުމުގެ ބޭނުމުގަ އެވެ.
ޔަމަންގެ ހަނގުރާމައިގައި މިހާތަނަށް 10،000 މީހުން މަރުވެފައިވާ އިރު، ތިން މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި އެކި ތަންތަނަށް ވިއްސިވިހާލިވެފަ އެވެ.