30 އަހަރަށް ފަހު އިރާގުގެ ތެޔޮ ޓޭންކަރުތައް ދަތުރަށް ފުރައިފި
30 އަހަރަށް ފަހު އިރާގުގެ ތެޔޮ ޓޭންކަރުތައް ދަތުރަށް ފުރައިފި

ދަތުރުތައް މެދުކެނޑިފައި އޮންނަތާ 30 އަހަރު ފަހުން، އިރާގުގެ ތެޔޮ ޓޭންކަރުތައް ތެޔޮ އެކްސްޕޯޓް ކުރުމުގެ ދަތުރުތައް މިދިޔަ ހޮނިހިރު ދުވަހު ފަށައިފި އެވެ.

އެ ގޮތުން އިރާގުގެ ތެޔޮ ޓޭންކަރެއް މިހާރު ވަނީ ދެ މިލިއަން ފީފާ ތެޔޮ ހިފައިގެން އެމެރިކާ އަށް ފުރައިފަ އެވެ. މިއީ ސާފުނުކުރާ ތެލެވެ. އިރާގަކީ އޯޕެކް ގައުމުތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ބޮޑު ތެލުގެ ރިޒާވެއް ހުރި ގައުމެވެ. މިހާރު ވެސް އިރާގުގެ ރިޒާވްގައި 153 ބިލިއަން ފީފާގެ ރިޒާވެއް އެބަހުރި ކަން ވަނީ ކަށަވަރު ވެފަ އެވެ.

އިރާގުގެ ތެލާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މިއީ، 1991 ވަނަ އަހަރަށް ފަހު، އިރާގުގެ އަމިއްލަ ތެޔޮ ޓޭންކަރެއް އެ ގައުމުން ތެޔޮ ހިފައިގެން ކުރާ ފުރަތަމަ ދަތުރެވެ. "ބަޣްދާދު"ގެ ނަން ދީފައިވާ މި ޓޭންކަރު އެމެރިކާ އަށް ފުރީ ބަސަރާގެ ބަނދަރުންނެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލުމަށް 2003 ވަނަ އަހަރު އެމެރިކާ އިން އިރާގާ ދެކޮޅަށް ކުރި ވަރުގަދަ ހަނގުރާމައިގައި، އިރާގުގެ މައި ހުރިހާ ސަހަރުތަކެއް ވަނީ ސުންނާފަތިވެ ބިމާ ހަމަވެފަ އެވެ. އަދި ސައްދާމް އަވަހާރަކޮށްލުމަށް ފަހު އިރާގުގައި ފެށުނު ދާޚިލީ ހަނގުރާމައިގައި އިރާގުގެ ތެލުގެ ސިނާއަތް އޮތީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ.

އިރާގުގެ މުޅި އިގްތިސާދުގެ ތެލުގެ އާމްދަނީ އަށް ބަރޯސާވެފައިވާ އިރު، ތެލުގެ ސިނާއަތް އަލުން ކޮޅަށް ޖެހުމަށް ވެސް އިރާގުން ވަނީ ބޮޑު ހޭދައެއް ކޮށްފަ އެވެ. އަމިއްލަ ތެޔޮ ޓޭންކަރުތައް ނެތުމާ އެކު، އިރާގުން މިހާ ތަނަށްސ ތެޔޮ ބޭރުކުރަމުން ދަނީ ދިގު މުއްދަތަށް ކުއްޔަށް ހިފާފައިވާ ޓޭންކަރުތަކެއްގަ އެވެ. ވެއަތުވެ ދިޔަ މެއި މަހުގެ ތެރޭގައި ވެސް އިރާގުން ދުވާލަކު 3.49 މިލިއަން ފީފާގެ ތެޔޮ ބޭރުކުރި އެވެ.