ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފި
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފި

އަންނަ ސެޕްޓެމްބަރު 24 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ އާއްމުކޮށްފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި، 263،000 މީހުންގެ ނަން ހިމެނޭނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކުރީ ގެޒެޓުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގަ އެވެ. އެ ލިސްޓު ރަށްރަށުގެ ކައުންސިލްތަކުގައި ވެސް މާދަމާ އާއްމުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓު އަވަހަށް އާއްމުކުރީ، އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް އުޅޭ ނަމަ އެކަން ހައްލުކުރަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ މައުލޫމާތުތައް އަސްލަކަށް ބަލައިގެން ލިސްޓު ހަދާފައި ވާނީ ވީހާ ވެސް ޝަކުވާ މަދުވާނެ ގޮތަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.

އެހެން ވިޔަސް ކުދިކުދި މައްސަލަތައް ހުރުން އެކަށީގެންވާ ކަމަށާއި ލިސްޓު ޗެކްކުރުމަށް ފަހު ވީހާ ވެސް އަވަހަކަށް އެ މައްސަލައެއް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން އެދެ އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ވޯޓާސް ލިސްޓު ކަނޑައަޅަނީ ޑީއެންއާރުގެ ލިސްޓް އަސްލަކަށް ބަލައިގެން ކަމަށް ވާއިރު މައްސަލަތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްސަކޮށް، ރާއްޖެ އިން ބޭރުގައި މަރުވި މީހުންގެ ނަންތައް މިރޭ އާންމުކުރި ލިސްޓުގައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ރާއްޖެ އިން ބޭރުގައި މަރުވި ބައެއް މީހުންގެ މައުލޫމާތު ޑީއެންއާރާ އަދި ހިއްސާ ކޮށްފައި ނެތުމުން ކަމަށް ވެދާނެ. އެހެންވެ، އަޅުގަނޑުމެން އެދެނީ އެ މައުލޫމާތުތައް ވީހާ އަވަހަކަށް ޑީއެންއާރާ ހިއްސާ ކުރުމަށް،" އަކްރަމް ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހު އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، ރަށްވެހިވެފައިވާ ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް ވެސް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް އީސީން ވަމުން އަންނައިރު އެ ކޮމިޝަނަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. ކޮމިޝަނުގެ މިނިވަންކަން ގެއްލި، ވަރަށް ބޮޑަށް ސަރުކާރުގެ ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތު ކުރެ އެވެ. އެކަމަކު އެ ތުހުމަތުތައް ދޮގުކޮށް ކޮމިޝަނުން ބުނެފައި ވަނީ، މި އަހަރުގެ ރިޔާސީ އިންތިހާބު ވާނީ މިނިވަން، އިންސާފުވެރި އަދި މިހާތަނަށް އެންމެ ހުޅުވާލައިގެން ބާއްވާ އިންތިޚާބަށް ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.