27 ޖުލައި 2016 - 09:37

ލަންޑަން (ޖުލައި 27) - އާސެނަލްގެ ޑިފެންޑަރު ޕާ މާޓަސެކާގެ ކަކުލަށް އަނިޔާވެ ސީޒަނުގެ ކުރީކޮޅު ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.
ޖަރުމަން ގައުމީ ޓީމަށް 104 މެޗު ކުޅެދީފައިވާ އިތުބާރު ޑިފެންޑަރަށް އަނިޔާވީ އާ ސީޒަނަށް ތައްޔާރުވުމަށް ފްރާންސުގެ ލެންސާ ދެކޮޅަށް ހުކުރު ދުވަހު އާސެނަލް ކުޅެ އެއްވަރުވި މެޗުގަ އެވެ.
މާޓަސެކާ އަށް ކުޅެން ނުކުމެވޭނެ ސީދާ ދުވަހެއް ނޭގުނު ނަމަވެސް އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ އޭނާ ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމުގެ އިޝާރާތެއް ދީފަ އެވެ. އާސެނަލް އިން އެމެރިކާ އަށް ކުރާ ޕްރީ ސީޒަން ދަތުރުގައި ބައިވެރިނުވެ، މާޓަސެކާ ވަނީ ފަރުވާ ހޯދުމަށް ލަންޑަނުގައި މަޑުކޮށްފަ އެވެ.
އާސެނަލްއާ 2011 ވަނަ އަހަރު ގުޅުނު މާޓަސެކާ ވަނީ އެ ޓީމުން މިދިޔަ ސީޒަނުގެ ލީގުގެ ދެ ވަނަ ހޯދިއިރު 24 މެޗުގައި ކުޅެފަ އެވެ.