10 ޖޫން 2018 - 20:17

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ދެ އިވެންޓަކުން ރިހި މެޑަލް ހޯދައިފި އެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިވެންޓެއްގައި ރާއްޖެ އަށް ލިބުނު ބޮޑު ކާމިޔާބެކެވެ.

ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިނީ އަންހެން ޑަބަލްސް އިވެންޓުން ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ އެވެ. އަދި މިކްސް ޑަބަލްސްގައި މުހައްމަދު ސާރިމް އާއި އައިމިނަތު ޝަހުރުނާޒްގެ ޕެއާ އިންނެވެ.
މިއަދު ކުޅުނު ފައިނަލް މެޗުތަކުގައި ރާއްޖޭގެ ދެ ޕެއާ އިން ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. މިކްސް ޑަބަލްސް ފައިނަލުގައި ނަބީހާ އާއި ނަބާހާގެ ޕެއާ ބަލިވީ އިންޑިއާގެ ސިމްރަން ސިންހް އާއި ރިތިކާ ތާކެރްގެ ޕެއާއާ ވާދަކޮށެވެ. މެޗުގެ ސެޓުތައް ދިޔައީ 21-17، 21-14 އިންނެވެ.
މިކްސް ޑަބަލްސް ފައިނަލުގައި ޝަހުރުނާޒް އާއި ސާރިމްގެ ޕެއާ ބަލިވީ މުބާރާތުގެ އެއް ވަނަ އަށް ސީޑްކޮށްފައިވާ މޮރިޝަސްގެ ޖިއޯޖެސް ޖޫލިއަން އާއި އޯރެލީގެ ޕެއާ އަތުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-12، 21-06 އިންނެވެ.
މޮރިޝަސް މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖޭގެ އިތުރު ދެ ޕެއާ އެއް ވަނީ އެހެން ދެ އިވެންޓުގެ ސެމީ ފައިނަލުގައި ކުޅެ، ލޯ މެޑަލް ހާސިލްކޮށްފަ އެވެ. އެއީ ފިިރިހެން ޑަބަލަސް އާއި މިކްސް ޑަބަލްސް އެވެ. އެއީ ފިރިހެން ޑަބަލްސް ބައިން މުހައްމަދު އަޖުފާން އާއި އަހުމަދު ތޯއިފްގެ ޕެއާ އަދި މިކްސް ޑަބަލްސް ބައިން ތޯއިފް އާއި ނަބީހާގެ ޕެއާ އެވެ.
ނަބީހާ އާއި ނަބާހާގެ ޕެއާ އިން ވަނީ 2017 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި އޮތް ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުން ވެސް ރާއްޖެ އަށް ރިހި މެޑަލް ހޯދައިފަ އެވެ. އެއީ ސަރަހައްދީ ފެންވަރުގައި އޯޕަން އިވެންޓަކުން ބެޑްމިންޓަނުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ މެޑެއްޔެވެ.
މި ފަހަރު މޮރިޝަސްގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭން ވާދަކުރި ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ އެކި އިވެންޓުތަކުގައި ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. މި މުބާރާތުތައި ކުޅުންތެރިންގެ ފަރާތުން ބޮޑު ކުރިއެރުމެއް ފެނުނުއިރު، މިއީ ރޭންކިންގައި ކުރިއަށް ޖެހިލަން މި ކުޅުންތެރިންނަށް ލިބިގެންދިޔަ ބޮޑު ފުރުސަތެކެވެ.
މިދިޔަ އަހަރުގެ މޮރިޝަސް މުބާރާތުން ރާއްޖެ އަށް ދެ އިވެންޓަކުން ސެމީ ފައިނަލުގައި ކުޅެ، ލިބުނީ ދެ ލޯ މެޑަލް އެވެ.
އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެއްޔަކަށް އަމާޒުކޮށްގެން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޓޯކިޔޯގައި 2020 ވަނަ އަހަރު އޮންނަ އޮލިމްޕިކްސް އަށް ކުޅުންތެރިން ކޮލިފައި ކޮށްދިނުމަކީ ވެސް ބީއޭއެމްގެ ވަރަށް ބޮޑު އަމާޒެކެވެ.