10 ޖޫން 2018 - 16:22

ރާއްޖޭގެ ޕަބްލިކް ސެކްޓާގެ ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމް ވަރުގަދަ ކުރުމަށް 12 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ޕެކޭޖެއް ދިނުމަށް ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ ހަފުތާގައި ފާސްކޮށްފި އެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕެކޭޖް ރާއްޖެ އަށް ދިނުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މި ޕެކޭޖުގެ ދަށުން، ރާއްޖޭގައި މިހާރު ބޭނުންކުރާ ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް، ދަރަންޏާއި ކޭޝް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިންގެ އިތުރުން ޕްރޮކިއުމަންޓް މަސައްކަތްތައް ޕްލޭންކޮށް ބަޖެޓު ކުރުން ވަރުގަދަ ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް މޮނީޓާ ކުރުމުގެ މެކޭނިޒަމް ވަރުގަދަ ކުރުމަށް ވެސް އެ ފައިސާ ބޭނުން ކުރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.
ވޯލްޑް ބޭންކުން ބުނިގޮތުގައި، މި ޕެކޭޖުގެ ސަބަބުން ނާޒުކު ޕަބްލިކް އިންވެސްޓްމަންޓުތަކަށް ތައްޔާރުވެ، އެފަދަ އިންވެސްޓްމަންޓުތަކަށް ހުރި ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވާނެ އެވެ. އަދި ޚަރަދު ކުރުމާއި ދަރަނި މެނޭޖް ކުރުން ވެސް ވަރަށް ބޮޑަށް ހަރުދަނާ ވާނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އޭގެ ސަބަބުން، އާންމު ޚިދުމަތްތައް ވެސް އިތުރަށް ހަރުދަނާވެ، އަވަސް ވާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
މި ޕެކޭޖަކީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ފަންޑް ކުރާ ގްރާންޓް އަދި ކްރެޑިޓް އުސޫލުން ރާއްޖެ އަށް ދޭ 12 މިލިއަން ޑޮލަރު ކަމަށް ވޯލްޑް ބޭންކުގެ ބަޔާނުގައި ވެ އެވެ. އަދި މި ފައިސާ ދޭނީ ހަތަރު އަހަރަށް ބަހާލައިގެން، މަސައްކަތް ހިނގަމުން އަންނަ ވަރަކަށް ބަލައިގެންނެވެ.
ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ ފިޒްކަލް ދަރަނި، މިދިޔަ އަހަރު ވަރަށް ބޮޑަށް ދަށްކޮށްފައިވާ ކަމަށެވެ. އެގޮތުން، 2016 ވަނަ އަހަރު ޖީޑީޕީގެ 10.6 ޕަސެންޓު ޑެފިސިޓުގައި ހުރި އިރު މިދިޔަ އަހަރު އެ އަދަދު 2.5 ޕަސެންޓަށް ދަށްވެފައިވާ ކަން އެ ބޭންކުން ފާހަގަ ކޮށްފައި ވެ އެވެ.
"ރެވެނިއު ކަލެކްޝަން ވަރުގަދަކޮށް، ރިކަރަންޓުގެ ބަދަލުގައި ކެޕިޓަލް ހަރަދުތަކުން ޕަބްލިކް އިންވެސްޓްމަންޓްތަކަށް ހަރަދުކުރަން ވަނީ ފެށިފައި. އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް މެދުވެރިކޮށް (ފިނޭންސް މިނިސްޓްރީން) ވަނީ ބަޖެޓާއި ފައިނޭންޝަލް މައުލޫމާތުތައް ކުރިއަށް ވުރެ ދެ ފުށް ފެންނަ ސިޔާސަތެއްގެ ދަށުން ބަލަހައްޓަން ފަށާފައި. އޭގެ އިތުރުން ޕަބްލިކް ޑެޕްޓް އަދި ގެރެންޓީސް އޮޑިޓް ކުރުމަށް، އޮޑިޓާ ޖެނަރަލް ވަނީ ފިޔަވަޅުތަކެއް އަޅުއްވާފައި،" ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނެފައި ވެއެ ވެ.