މައުމޫނަށް ކުރާ ދައުވާގެ އަޑުއެހުމެއް މިރޭ ބާއްވަނީ
މައުމޫނަށް ކުރާ ދައުވާގެ އަޑުއެހުމެއް މިރޭ ބާއްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދިނުމަށް އިންކާރު ކުރެއްވި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކުރާ ދައުުވާގެ އަޑުއެހުމެއް މިރޭ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމަށް ފަހު އެ ބޭފުޅުންގެ ފޯނު ދޭން އިންކާރު ކުރެއްވި މައްސަލާގައި އެ ތިން ބޭފުޅުންގެ މައްޗަށް ކުރަނީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިރޭ ބާއްވަން ހަމަޖައްސާފައިވަނީ 9:30 ގަ އެވެ.

އެ މައްސަލައިގެ އަޑުއެހުންތަކެއް މިދިޔަ މަހުގެ ފަހުކޮޅު ވެސް ކުރިއަށް ގެންދިޔަ އެވެ. މިހާރު ކުރިއަށް ދަނީ އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ.

އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން އެ ތިން ބޭފުޅުންގެ ހުރިހާ ދިފާއީ ވަކީލުން އެ ޝަރީއަތް ބޮއިކޮޓް، އެ މައްސަލަ ދޫކޮށްލައިފަ އެވެ. އެހެންވެ އެހެން ވަކީލުން ހަމަޖައްސަން ތިން ބޭފުޅުންނަށް އޮތީ ފުރުސަތު ދީފަ އެވެ.

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް އެ ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.