27 ޖުލައި 2016 - 07:39

ޓިއުރިން، އިޓަލީ (ޖުލައި 27) - ދުނިޔޭގައި މިހާތަނަށް ތިން ވަނަ އަށް އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރި ކުޅުންތެރިޔާގެ ގޮތުގައި އިޓަލީގެ ނަޕޯލީގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން ޔުވެންޓަސް އަށް ބަދަލުވެއްޖެ އެވެ.
ޔުވެންޓަސް އިން ހިގުއައިން އަށް 90 މިލިއަން ޔޫރޯ ވަނީ ހޭދަކޮށްފަ އެވެ. އެއީ ނަޕޯލީއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ދައްކަން ޖެހޭ އަދަދެވެ. އެއާ އެކު ހިގުއައިން ވެފައިވަނީ ދުނިޔޭގެ ތިން ވަނަ އަށް އަދި އިޓާލިއަން އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. މީގެ އިތުރުން މިއީ އެއް ގައުމެއްގެ ދެ ކްލަބެއްގެ ދެމެދު ހިނގި އެންމެ ބޮޑު ޓްރާންސްފާ ވެސް މެ އެވެ.
ދުނިޔޭގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރީ 2013 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އިން 100 މިލިއަން ޔޫރޯ އަށް ރެއާލް މެޑްރިޑަށް ބަދަލުވި ގަރެތު ބޭލް އެވެ. ދެ ވަނައިގައި އޮތީ 2009 ވަނަ އަހަރު 94 މިލިއަން ޔޫރޯ އަށް މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މިހާތަނަށް އިޓާލިއަން ލީގުގައި އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރީ 2000 ވަނަ އަހަރު ޕާމާ އިން 56 މިލިއަން ޔޫރޯ އަށް ލާޒިއޯ އަށް ބަދަލުވި އާޖެންޓީނާގެ ފޯވާޑް ހެނާން ކްރެސްޕޯ އެވެ. އެއް ގައުމެއްގެ ދެ ކްލަބެއްގެ މެދުގައި މީގެ ކުރިން ހިނގި އެންމެ ބޮޑު ޓްރާންސްފާ އަކީ 2011 ވަނަ އަހަރު ލިވަޕޫލުން ޗެލްސީ އަށް 58 މިލިއަން ޔޫރޯ އަށް ފެނާންޑޯ ޓޮރޭޒް ބަދަލުވި ޓްރާންސްފާ އެވެ.
މިދިޔަ ސީޒަނުގައި 42 މެޗުން 38 ގޯލް ޖަހާފައިވާ އުމުރުން 28 އަހަރުގެ ހިގުއައިން ގަންނަން ޕްރިމިއާ ލީގުގެ އާސެނަލް އިން ވެސް އައީ މަސައްކަތްކުރަމުންނެވެ. އެކަމަކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް އަމާޒު ހިފާފައިވާ ޔުވެންޓަސް އިން ދުލެއް ނުދިނެވެ.
ޔުވެންޓަސް އިން ވަނީ ރޯމާގެ މިރެލަމް ޔަނިޗާއި ބާސެލޯނާގެ ޑެނިއަލް އަލްވެސް އާއި ބަޔާން މިއުނިކުގެ މެހްދީ ބެނާޝިއާ އަދި ޑައިނަމޯ ޒެގްރެބުގެ މާކޯ ޔަކާ ވެސް ގެނެސްފަ އެވެ.
އާޖެންޓީނާގެ ރިލަޕްލޭޓުން ކެރިއަރު ފެށި ހިގުއައިން ވިދާލީ 2007 ގައި ރެއާލް މެޑްރިޑާ ގުޅުނު ހިސާބުންނެވެ. އެ ޓީމަށް 190 މެޗުން 107 ލަނޑު ޖަހައިދިން ފޯވާޑް 2013 ވަނަ އަހަރު ނަޕޯލީ އަށް ބަދަލުވީ 40 މިލިއަން ޔޫރޯ އަށެވެ.
ޔުވެންޓަސް އިން ރެކޯޑް ޓްރާންސްފާއެއް ހަދާފައިވާއިރު މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ ޔުވެންޓަސްގެ ޕައުލް ޕޮގްބާ ދުނިޔޭގެ ރެކޯޑް އަގަކަށް ގަންނަން ތައްޔާރުވަމުންނެވެ. ޔުނައިޓެޑުން އޭނާ ގަންނަން 100 މިލިއަން ޔޫރޯ ހުށަހަޅާފައިވާއިރު ޔުވެންޓަސް އިން އެއްބަސްވާނީ މަދުވެގެން 124 މިލިއަން ޔޫރޯ އަށެވެ.