އެކަނިވެރިކަމަކީ އުމުރު ކުރުކޮށްލާ ކަމެއް
އެކަނިވެރިކަމަކީ އުމުރު ކުރުކޮށްލާ ކަމެއް

އެކަނިވެރިކޮށް އުޅޭ މީހުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށާއި އެފަދަ މީހުން މީހުން ހިތުގެ ބަލިތަކުގައި މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ޑެންމާގެ ރިސާޗަރުންގެ ޓީމަކުން ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮޖީގެ އަހަރީ ބައްދަވުމަށް ހުށަހެޅި ދިރާސާގައި ބުނި ގޮތުގައި އެކަނިވެރިކޮށް އުޅޭ ދެ ޖިންސްގެ މީހުން، އެ ނޫން މީހުންނަށް ވުރެ އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑެވެ. އަދި އެފަދަ މީހުންނަށް ޑިޕްރެޝަނާއި އެންޒައިޓީއާ އެކު ހިތުގެ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާކަން ފާހަގަކޮށްފައިވެ އެވެ.

"ކުރިއާ ހިލާފަށް މިހާރު އެކަނިވެރިކޮށް އުޅޭ މީހުން ވަރަށް ގިނަ. އެކަމަކު އިޖުތިމާއީ ގޮތުން މީހާ އެކަހެރިވެ، އެކަނިވެރިވުމަކީ ވަރަށް ނުރައްކާތެރި ކަމެއް،" ދިރާސާ ޓީމްގައި ހިމެނުނު ޑެންމާކުގެ ކޯޕަންހޭގަން ޔުނިވަސިޓީގެ ޕީއެޗްޑީ ދަރިވަރު އެން ވިންގާޑް ކްރިސްޓެންސެން ބުންޏެވެ. "މީގެ ސަބަބުން ސްޓްރޯކެއް ޖެހުން ފަދަ ސިއްހީ މައްސަލަތަކުގެ ބިރު ވަރަށް ބޮޑު."

އޭނާ ބުނި ގޮތުގައި އެކަނިވެރިކޮށް އުޅޭ ދެ ޖިންސްގެ މީހުންނަށް ވެސް އެއްވަރަކަށް ޑިޕްރެޝަނާއި އެންޒައިޓީގެ ބިރު އެބަ އޮތެވެ.

"ވާހަކަ ދައްކާލައި ކަންކަން ހިއްސާ ކުރާނެ މީހަކު ހުރުން ވަރަށް މުހިއްމު،" ވިންގާޑް ބުންޏެވެ. "އަމިއްލަ އަށް ހުރިހާ ކަމެއް އޮއްބާލައިގެން، ފޮރުވައިގެން ހުރުމަކީ ނަފުސާނީ ގޮތުން ވެސް މީހާ ހަލާކުކޮށްލާނެ ކަމެއް. އެހެންވެ އެކަނިވެރިކަން ދޫކޮށް އެބަ ޖެހޭ ސޯޝަލީ އެކްޓިވް މީހަކަށް ވާން."

ދިރާސާގައި ބުނި ގޮތުގައި އެކަނިވެރިކޮށް އުޅޭ މީހުން އެ މަގު ހިޔާރު ކުރާ ސަބަބުތައް ވެސް ހޯދައި، އެ މީހުންނަށް އެހީތެރިވެވޭނެ ގޮތްތަކެއް ހޯދައި ދޭން މިހާރުން މިހާރަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.