27 ޖުލައި 2016 - 09:36

ލަންޑަން (ޖުލައި 27) - ޗެލްސީގެ ސާބިއާ މިޑްފީލްޑަރު ނެމަންޔާ މަޓިޗް ނުވިއްކާނެ ކަމަށާއި އޭނާ އަށް ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރަށް ވެވިދާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ޗެލްސީން 2015 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު މަޓިޗް މޮޅު ކުޅުމެއް ދެއްކި ނަމަވެސް މިދިޔަ ސީޒަނުގައި އޭނާގެ ފޯމް ވަނީ ދަށްވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކޮންޓޭގެ ކުރީގެ ޓީމު ޔުވެންޓަސް އިން އަންނަނީ ޕައުލް ޕޮގްބާގެ މަގާމަށް ކުޅުވަން މަޓިޗް ގެންދަން މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން ޗެލްސީން ލެސްޓާ ސިޓީގެ އެންގޯލޯ ކާންޓޭ ގެނައުމާ އެކު މަޓިޗަށް އޮތް ފުރުސަތާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
"މަޓިޗް އަކީ އަހަންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. އަހަރެންގެ ފުޓްބޯޅަ ވިސްނުމުގައި، އޭނާ އަކީ ވަރަށް ބޭނުންތެރި ކުޅުންތެރިއެއް،" ކޮންޓޭ ބުންޏެވެ. "އޭނާގެ ވިސްނުމާއި އަހުލާގާ މެދު އަހަރެން ހިތްހަމަޖެހޭ. މަސައްކަތްކޮށްފި ނަމަ އޭނާ އަށް ވެވިދާނެ ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރަށް. އަހަރެން އޭނާ ނުވިއްކާނަން."
ޗެލްސީ އަށް 2009 އިން 2011 އަށް ކުޅެ މާގިނަ ފުރުސަތެއް ނުލިބުމުން އޭނާ ބަދަލުވީ ޕޯޗުގަލްގެ ބެންފީކާ އަށެވެ. ޗެލްސީން އަނބުރާ އޭނާ ގެނައީ އެ ޓީމުގައި ދެއްކި މޮޅު ކުޅުމާ ގުޅިގެންނެވެ.