ފީފާގެ ތާރީހީ ކޮންގްރެސް އަށް އެފްއޭއެމްގެ ވެރިން ރަޝިއާއަށް
ފީފާގެ ތާރީހީ ކޮންގްރެސް އަށް އެފްއޭއެމްގެ ވެރިން ރަޝިއާއަށް

ފީފާ ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައެޅުމަށް އާއްމު މެމްބަރުންނަށް ފުރަތަމަ ފަހަރަށް ފުރުސަތު ލިބޭ ތާރީހީ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް މިއަދު ރަޝިއާގައި އަށް ފުރާވަޑައިގެންފި އެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި އަންނަ ބުރާސްފަތި ދުވަހު ފަށާ ފީފާ ވޯލްޑް ކަޕުގެ ކުރިން ކޮންގްރެސް އޮންނާނީ ބުދަ ދުވަހު މޮސްކޯގަ އެވެ. އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް ވެސް ފީފާ ކޮންގްރެސްގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ.

މި ކޮންގްރެސްގެ އެންމެ ހާއްސަ ސިފައަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނެ ގައުމު ކަނޑައެޅުމުގެ ބާރު ލިބުނެވެ. ކުރިން އެ ބާރު އޮންނަނީ ފީފާގެ އެގްޒެކެޓިވް ކޮމިޓީ (މިހާރުގެ ކައުންސިލް) އަށެވެ. މާނައަކީ މި ފަހަރުގެ ވޯޓުގައި ރާއްޖެ އަށް ވެސް ބަސް ބުނުމުގެ ފުރުސަތު ލިބުނެވެ.

ވޯލްޑް ކަޕް 2026 ވަނަ އަހަރު ބޭއްވުމަށް ކުރިމަތިލާފައިވަނީ މޮރޮކޯ އިންނާއި އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ. މި އަހަރުގެ މުބާރާތް ޔޫރަޕުގައި އޮންނާތީ އަދި 2022 ވަނަ އަހަރުގެ މުބާރާތް އޭޝިއާގައި އޮންނާތީ 2026 ވަނަ އަހަރުގެ މުބާރާތަށް ބިޑްކުރުމުގެ ފުރުސަތު ލިބެނީ އުތުރު އެމެރިކާ، ދެކުނު އެމެރިކާ، އެފްރިކާ އަދި އޯޝޭނިއާ ބައްރުގެ ގައުމުތަކަށެވެ.

ފީފާ ކޮންގްރެސްއަކީ ދުނިޔޭގެ ކުޅިވަރުގެ އެންމެ ޝަރަފްވެރި އަދި އެންމެ ނުފޫޒުހުރި އެއްވުމެވެ. އެ ކޮންގްރެސްގެ ނިންމުންތައް، ސީދާކޮށް އަދި ނުސީދާކޮށް ދުނިޔޭގެ އެތައް މިލިއަން ބަަޔަކަށް އަސަރުކުރެ އެވެ.

ކޮންގްރެސްގެ ހަވާސާގެ ތެރެއިން ކުރިއަށްދާ ހަރަކާތްތައް މާދަމާ ފަށާނެ އެވެ. އެންމެ ފުރަތަމަ އޮންނާނީ ދުނިޔޭގެ އެކި ފުޓްބޯޅަ ކޮންފެޑެރޭޝަންތަކުގެ ބައްދަލުވުންތަކާއި ކޮންގްރެސްތަކެވެ. އަދި ކޮންގްރެސްގެ ބައިވެރިންނަށް ބާއްވާ ރަސްމީ ޖާފަތް މާދަމާރޭ އޮންނާނެ އެވެ.

އަންގާރަ ދުވަހު އޮންނާނީ ބައިވެރިންގެ ހާއްސަ މިނީ ފުޓްބޯޅަ މުބާރާތެކެވެ. މި ހަރަކާތަކުގައި ދުނިޔޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ބައިވެރިވާނެ އެވެ. ބަހުރޭނުގެ މަނާމާގައި މިދިޔަ އަހަރު ބޭއްވި 67 ވަނަ ފީފާ ކޮންގްރެސްގެ ކުރިން ބޭއްވި މިނީ ފުޓްބޯޅަ މުބާރާތުގައި ބައްސާމް ވަނީ އޭއެފްސީ ޓީމަށް ކުޅުއްވައިފަ އެވެ.

ކޮންގްރެސްގެ ރަސްމީ ބައި އޮންނާނީ ބުދަ ދުވަހު ހެނދުނުން ފެށިގެން މެންދުރުފަހަށެވެ. އެންމެ މުހިއްމު މަސައްކަތަކަށް އޮންނާނީ ވޯލްޑް ކަޕް ބާއްވާނެ ގައުމު ކަނޑައެޅުމަށް ނަގާ ވޯޓެވެ. އެއަށް ފަހު ކޮންގްރެސް ނިންމާލާނީ ނޫސްވެރިންގެ ބައްދަލުވުމަކުންނެވެ.

ކޮންގްރެސް އަށް ފަހު ބުރާސްފަތި ވޯލްޑް ކަޕް ފަށާއިރު މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމުގައި ބާއްވާ ހުޅުވުމުގެ ރަސްމިއްޔާތާއި ރަޝިއާ އާއި ސައޫދީ އަރަބިއާ ބައްދަލުކުރާ މެޗު ކޮންގްރެސްގެ ބައިވެރިން ބައްލަވާލައްވާނެ އެވެ.