10 ޖޫން 2018 - 11:35

ލަންޑަން (ޖޫން 10) - އިނގިރޭސި ވިލާތާއި ރަޝިއާއާ ދެމެދު އުފެދިފައިވާ ސިޔާސީ އަދި ޑިޕްލޮމެޓިކް ހިޔާލުތަފާތުވުންތަކުގެ މައްސަލަ ކިތަންމެ ބޮޑުވި ނަމަވެސް އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ކްލަބް ޗެލްސީ ވިއްކާނުލާނެ ކަމަށް އެ ކްލަބްގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ވިދާޅުވެއްޖެ އެވެ.
އަބްރަމޮވިޗްގެ އިނގިރޭސި ވިލާތުގެ އިންވެސްޓް ވިސާ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހަމަވެފަ އެވެ. ނަމަވެސް ވިސާ އާ ކުރުން ލަސްވާ މައްސަލާގައި އިނގިރޭސި ސަރުކާރުން ކޮމެންޓްކޮށްފައެއް ނުވެ އެވެ. އެ އާ އެކު އަބްރަމޮވިޗް، އިޒްރޭލުގެ ރައްވެއްސަކަށްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މައްސަލަތަކާ ހެދި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް މިދިޔަ މަހު ވެމްބްލީގައި ކުޅުނު އެފްއޭ ކަޕް ފައިނަލް މެޗަށް ވެސް އަބްރަމޮވިޗަށް ލަންޑަނަށް ދެވޭ ގޮތެއް ނުވި އެވެ.
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާއިރު، އެ ޓީމުން ގެންނަން މަސައްކަތްކުރާ ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީ ހޯދުމުގެ މަސައްކަތުގައި ވެސް ކުރިއެރުމެއް ނުލިބެ އެވެ. އެ ޓީމުން މިހާރު މަސައްކަތްކުރަނީ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ނޫނީ ޕީއެސްޖީ އަށް ކުރިން ކޯޗުކޮށްދިން ލޯރެންޓް ބްލޮންކާ ޓީމު ހަވާލުކުރާށެވެ. އެކަމަކު މީގެން އެއްވެސް ކަމަކަށް ކުރިއެރުމެއް ލިބިފައިނުވަނީ އަބްރަމޮވިޗަށް ދިމާވެފައިވާ ކަންތައްތަކަށް ހައްލެއް ނުލިބި އޮތުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ދާދި ފަހުން އިންގްލެންޑްގެ އެންމެ މުއްސަނދި މީހާކަމަށް ފޯބްސް މެގަޒިން އިން ރިޕޯޓްކޮށްފައިވާ ޖިމް ރެޓްކްލިފް، ޗެލްސީ ގަންނަން ވަނީ 2 ބިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. އެކަމު އަބްރަމޮވިޗް ވަނީ ރެޓްކްލިފްގެ ހުށަހެޅުމަށް އިންކާރުކޮށް ޗެލްސީ ނުވިއްކާނެކަން އޭނާ އަށް އަންގައިފަ އެވެ.
މިލްކިއްޔާތުގައި 11 ބިލިއަން ޕައުންޑް ހުރި އަބްރަމޮވިޗް ވަނީ ދާދި ފަހުން ޗެލްސީގެ ދަނޑުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން މަޑުޖައްސާލައިފަ އެވެ. އެއީ މި ވަގުތު އޭނާ އަށް ދިމާވެފައިވާ ކަންތައްތަކުން ހައްލެއް ނުލިބި އޮއްވައި ބޮޑު އިންވެސްޓެއް ކުރަން އޭނާ ބޭނުންނުވާތީ އެވެ. އަދި އަންނަ ސީޒަނަށް ކުޅުންތެރިން ގަންނަން ވެސް ޗެލްސީން އަދި ބަޖެޓެއް ފައިނަލް ނުކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.