10 ޖޫން 2018 - 11:30

ޔަމަންގައި ވަކި ވެރިކަމެއް ގާއިމު ކުރުމަށް މަސައްކަތް ކުރާ ހޫތީ ހަނގުރާމަވެރިން، ސަރަހައްދީ ރޮނގު ހުރަސްކޮށް ސައޫދީ އަރަބިއްޔާގެ ތެރެއަށް ދިން ހަމަލާގައި ސައޫދީ އަރަބިއްޔާގެ ތިން މީހަކު މަރުވެއްޖެ އެވެ.
ސައޫދީ އަރަބިއްޔާ އިން އުފައްދާފައިވާ ގުޅިފައިވާ ލަޝްކަރުން ބުނި ގޮތުގައި ހޫތީން އިއްޔެ ދިން ހަމަލާތައް އަމާޒުވީ ސައޫދީ އަރަބިއްޔާގެ ޖީޒާން ޕްރޮވިންސްގެ ސަހަރަކަށެވެ. އީރާންގެ މަދަދާ އެކު ހަނގުރާމަ ކުރާ ހޫތީން ދިން މި ހަމަލާތަކުގައި އިތުރު ހަތަރު މީހަކު ޒަޚަމްވި ކަމަށް ގުޅިފައިވާ ލަޝްކަރުން ބުނެ އެވެ.
މި ހަމަލާގައި ބަޔަކު މަރުވެ އިތުރު ބަޔަކު ޒަޚަމްްވި ކަން، ސައޫދީން ކަށަވަރު ކޮށްދިން ނަމަވެސް، މިއީ މިސައިލް ހަމަލާއެއް ކަމެއް ނުވަތަ ރޮކެޓް ހަމަލާއެއް ކަމެއް ނުބުނެ އެވެ. މީގެ ކުރިން ވެސް ހޫތީ ހަނގުރާމަވެރިން ސައޫދީގެ ތެރެއަށް މިސައިލް ހަމަލާތަކެއް ދީފައިވާ އިރު، އޭގެ ތެރެއިން ގިނަ މިސައިލް ވަނީ އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ.
ގުޅިފައިވާ ލަޝްކަރުގެ ތަރުޖަމާނު ކާނަލް ތުރުކީ އަލް މާލިކީ ވިދާޅުވި ގޮތުގައި ސައޫދީ އަރަބިއްޔާގެ އާންމުންގެ ސަލާމަތާއި އަމާންކަން ނުރައްކާ ކުރާ ކޮންމެ ބައެއްގެ ފަރާތުން ހަރުކަށި ގޮތެއްގައި ބަދަލު ހިފާނެ އެވެ.
ހޫތީ ހަނގުރާމަވެރިން މިދިޔަ މަހުގެ ތެރޭގައި ވެސް ސައޫދީ އަރަބިއްޔާާގެ ވެރިރަށް ރިޔާޒަށް ވެސް މިސައިލްތަކެއް ފޮނުވައިލި އެވެ. ނަމަވެސް ސައޫދީގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން، އެ މިސައިލްތައް ވަނީ ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ. މިދިޔަ އަންގާރަ ދުވަހު ވެސް ޔަމަންގެ ތެރެއިން ސައޫދީ އަރަބިއްޔާގެ ޔަންބޫއަށް ބެލެސްޓިކް މިސައިލްތަކެއް ފޮނުވައިލި އެވެ. އެ މިސައިލްތައް ވެސް ވައިގެ ތެރެއަށް ގޮއްވައިލީ އެވެ.
އީރާންގެ މަދަދާ އެކު ހަނގުރާމަ ކުރާ ހޫތީންގެ ހަމަލާތައް ސައޫދީ އަރަބިއްޔާ އަށް އަމާޒު ވާން ފެށުމާ ގުޅިގެން، ސައޫދީން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ގުޅިފައިވާ ލަޝްކަރެއް އެކުލަވާލައި، ޔަމަން ސަރުކާރުގެ ދިފާއުގައި އެ ހަނގުރާމައިގައި ބައިވެރިވެފަ އެވެ. ޔަމަންގައި ހަނގުރާމަ ކުރާ ހޫތީންނާ ދެކޮޅަށް ސައޫދީގެ ގުޅިފައިވާ ލަޝްކަރުން ދެމުންދާ ހަމަލާތަކުގެ ސަބަބުން، ޔަމަންގެ އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނެ އެވެ.
ހޫތީ ހަނގުރާމަވެރިންގެ ބާރު އެންމެ ގަދައީ ބަނދަރު ރަށެއް ކަމަށްވާ ހުދައިދާގަ އެވެ. ނަމަވެސް ސައޫދީ އަރަބިއްޔާގެ ގުޅިފައިވާ ލަޝްކަރުން ވަނީ އެ ރަށް ހިސާރު ކޮށްފަ އެވެ. ޔަމަނަށް އެތެރެ ކުރާ މުދަލުގެ ގާތްގަނޑަކަށް 70 ޕަސެންޓް އެތެރެ ކުރަނީ ހުދައިދާގެ ބަނދަރުން ކަމަށްވާއިރު، އެ ރަށް ހިސާރު ކޮށްފައި އޮތުމުގެ ސަބަބުން، ޔަމަނަށް ބޭނުންވާ މުހިންމު ތަކެތި އެތެރެ ކުރުމަށް ވަނީ ހުރަސް އެޅިފަ އެވެ.