10 ޖޫން 2018 - 11:06

ލިޔޯން، ފްރާންސް (ޖޫން 10) - ލިޔޯނުން އެ ޓީމުގެ ކެޕްޓަން ނަބީލް ފެކީރް އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ވިއްކާލުމަށް މަޝްވަރާތައް ވެސް ކުރުމަށް ފަހު، އެންމެ ފަހު ވަގުތު އޭނާ ނުވިއްކަން ނިންމައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެކީރް ވިއްކާލުމުގެ މަޝްވަރާތައް ލިވަޕޫލާއި ލިޔޯނުން ބޭއްވިއިރު، އޭނާ ވިއްކާލަން ދެ ޓީމުން އެއްބަސްވި އަގަކީ 53 މިލިއަން ޕައުންޑެވެ. އެ އެއްބަސްވުމާ އެކު ލިވަޕޫލުން ފެކީރްގެ މެޑިކަލް ކަންތައްތައް ހަމަޖައްސަން ޕެރިހަށް ދިޔަ އެވެ.
ފެކީރްގެ ޓްރާންސްފާ ކަންތައް ފުރަތަމަ މަޑުޖެހުނީ މެޑިކަލް ޓެސްޓްތަކުގެ ތެރެއިން އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއެއް ފާހަގަވުމުންނެވެ. އެއީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެކީރްގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ފިޓްނަސް އަށް މިދިޔަ ދެ ސީޒަނުގައި ވެސް އަސަރުކޮށްފައިވާތީ އެވެ. މިިދިޔަ ދެ ސީޒަނުގައި ވެސް ފެކީރްގެ އެ ކަކުލަށް އަނިޔާވެ އޭނާ އަށް ވަނީ މެޗުތަކެއް ގެއްލިފަ އެވެ.
ފެކީރްގެ މެޑިކަލް ކަންތައްތަކާ މެދު މީޑިއާގައި އަޑުފެތުރިފައިވަނިކޮށް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ނޯލް ލެ ގްރައެޓް ވިދާޅުވީ ފެކީރާ ބައްދަލުވެފައިވާ ކަމަށާއި ލިވަޕޫލަށް އޭނާ ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ފެކީރްގެ މެޑިކަލް ޓެސްޓުތައް ދިޔައީ ރަނގަޅަށް ކަމަށް ވިދާޅުވި އެވެ.
ފެކީރްގެ މެޑިކަލް ޓެސްޓާ މެދު ހިތްހަމަނުޖެހުންތަކެއް އުޅުނު ނަމަވެސް ލިވަޕޫލުން އޭނާ ސޮއިކުރުވަން ބޭނުންވި އެވެ. އެކަމު ފަހުން ލިވަޕޫލުން ބޭނުންވީ ފެކީރްގެ އަގު 43 މިލިއަން ޕައުންޑަށް ދަށް ކުރާށެވެ. އެއީ ފެކީރަށް ބޮޑު މުސާރައަކާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއް ދޭއިރު، އޭނާގެ އަނިޔާގެ މައްސަލަތަކާ ގުޅިގެން ރިސްކު ނުނެގުމަށެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ލިޔޯނުން ފަހު ވަގުތު ނިންމީ ލިވަޕޫލާ އިތުރު މަޝްވަރާތަކެއް ނުކޮށް ފެކީރް އެ ޓީމުގައި މަޑުކުރުވާށެވެ.
ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ފެކީރް ހޯދުމުގެ މަސައްކަތް އެއްކޮށް ހުއްޓާލާނީ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕްއާ މަޝްވަރާ ކުރުމަށް ފަހު އެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ލިވަޕޫލުން މިހާރު މަސައްކަތްކުރަނީ ސްޓޯކް ސިޓީ އަށް ކުޅޭ ސްވިޒަލެންޑުގެ ތަރި ޒެރްޑަން ޝަގީރީ އާއި ބްރެޒިލްގެ އެއް ނަމްބަރު ކީޕަރު އެލިސަން ބެކާ ގެންނާށެވެ.