10 ޖޫން 2018 - 11:21

ޖަރުމަނުގެ މަޝްހޫރު ނޮބީލިއާ ބްރޭންޑުގެ ބަދިގެ ސެޓް، ރެއިންބޯ ލިވިން މޯލް އިން ވިއްކަން ފަށައިފި އެވެ.
ޗާންދަނީ މަގާއި ކެނެރީމަގު ގުޅޭ ކަންމަތީގަ ހުންނަ ރެއިންބޯ ލިވިން މޯލް އިން، ކަސްޓަމަރުން ބޭނުންވާ ސައިޒަކަށް، ބޭނުން ކުލައެއްގައި އަދި ބޭނުން ޑިޒައިނަކަށް ނޮބީލިއާ ބަދިގެ ސެޓް މިހާރު ލިބެން ހުންނާނެ އެވެ. އެ ފިހާރަ އިން ބުނީ ބަދިގެ ސެޓް ޑިޒައިން ކުރާއިރު ވެސް އެ ކަސްޓަމަރަކު ބޭނުންވާ މެޓީރިއަލްއެއް ނެގޭނެ ކަމަށެވެ.
"މިއީ ހަމަ ފުލީ ކަސްޓަމައިޒްޑް ބްރޭންޑެއް. ކިތަންމެ ކުޑަ ބަދިގެ ސެޓެއް ވެސް އަދި ބޮޑު ބަދިގެ ސެޓެއް ވެސް ޑިޒައިން ކުރެވިދާނެ. ބަދިގެ ސެޓުގެ ޑިޒައިނާއި ބޮޑުމިނަށް ބަލާފައި އަގު އެނގޭނީ،" ބޭރުގެ މަޝްހޫރު ގިނަ ބްރޭންޑްތަކެއް ވިއްކާ ރެއިންބޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރެއިންބޯ އަކީ، ޖަރުމަނުގެ ކޮލިޓީ ކޮންޓްރޯލް އެސޯސިއޭޝަނުން ފާސްކޮށްފައިވާ ނޮބީލިއާ ބްރޭންޑުގެ ރާއްޖޭގެ އެކްސްކްލޫސިވް ޕާޓްނަރެވެ. އަދި ރާއްޖެ އަށް ނޮބީލިއާ ޕްރޮޑަކްޓުތައް ގެންނަނީ ސީދާ ޖަރުމަނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގެ 90 ގައުމެއްގައި ނޮބީލިއާގެ އުފެއްދުންތައް ވިއްކަ އެވެ. އަދި ނޮބީލިއާ އަކީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި ދެ ވަނަ އަށް އެންމެ ގިނައިން ބަދިގެ ސެޓު ވިއްކާ ކުންފުންޏެވެ.
ރެއިންބޯ ލިވިން މޯލުގައި ހުންނަ އެ ކުންފުނީގެ "ލިވިން ޑިޒައިން" ސްޓޫޑިއޯ އިން، ނޮބީލިއާގެ އިތުރުން އެ ފިހާރަ އިން ވިއްކާ އެހެން ބްރޭންޑްތަކުގެ ފަރުނީޗަރު ވެސް ކަސްޓަމައިޒް ކޮށް، ކަސްޓަމަރުން ބޭނުންވާ ގޮތަށް ކުރަހައި ދޭނެ އެވެ.