ވޯލްޑް ކަޕް ފުޅާކުރާއިރު އެފްރިކާ އަށް އިތުރު ދެ ޖާގަ ދެނީ
ވޯލްޑް ކަޕް ފުޅާކުރާއިރު އެފްރިކާ އަށް އިތުރު ދެ ޖާގަ ދެނީ

ޒިއުރިކް (ޖުލައި 27) - ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުގެ އަދަދު 2026 ވަނަ އަހަރުން ފެށިގެން 40 އަށް އިތުރުކުރާ ނަމަ އެފްރިކާ އަށް އިތުރު ދެ ޖާގަ ލިބޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

މިހާރު ވޯލްޑް ކަޕުގައި 32 ޓީމު ވާދަކުރާއިރު، އެ އަދަދު އިތުރުކުރައްވާނެ ކަމަށް އިންފަންޓީނޯ ވަނީ ކެމްޕެއިނުގައި ވައުދުވެވަޑައިގެންފަ އެވެ. މިހާރު އެފްރިކާ އަށް ދެނީ ފަސް ޖާގަ އެވެ.

"އަހަރެންގެ ހުށަހެޅުމަކީ 40 އަށް އިތުރުކުރުން. އަދި އެގޮތަށް ހަމަޖެހޭނެ ނަމަ އެފްރިކާ އަށް މަދުވެގެން އިތުރު ދެ ޖާގަ ލިބޭނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

ޔޫރަޕުގެ ޗެމްޕިއަންޝިޕް ކަމަށްވާ ޔޫރޯގައި ވާދަކުރާ ޓީމުގެ އަދަދު މިހާރު ވަނީ 24 އަށް އިތުރުކޮށްފަ އެވެ. އެހެންވެ ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުކުރަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

އިންފަންޓީނޯ ކުރިން ވިދާޅުވީ ގިނަ ގައުމުތަކެއްގައި ފުޓްބޯޅަ ކުރިއެރުވޭނީ، ގިނަ ގައުމުތަކަށް ވޯލްޑް ކަޕުން ފުރުސަތު ދީގެން ކަމަށާއި ޔޫރޯ އަދި ކޮޕާ އެމެރިކާ އިން ވެސް އެކަންކޮށްފައިވާ ކަމަށެވެ. ޔޫރޯގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުކުރުމާ އެކު ވޭލްސް އާއި އައިސްލެންޑް ފަދަ ގައުމުތައް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

"ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބަލާއިރު، ގިނަ ގައުމެއްތަކަށް ފުރުސަތު ދީގެން ރަނގަޅުވާނީ. އެކަމަކު އެންމެ ފުރަތަމަ އަހަރެމެން ކުޅުންތެރިންނާއި ކްލަބްތަކާއި ލީގުތަކާއި އެސޯސިއޭޝަންތައް އަދި ސްޕޮންސަރުންނާ އެކު މަޝްވަރާކުރާނީ. އޭގެ ފަހުން އިތުރުކުރުމާ މެދު ގޮތެއް ނިންމާނީ،" އިންފަންޓީނޯ ވިދާޅުވި އެވެ.

"ވޯލްޑް ކަޕަކީ މުބާރާތަކަށް ވުރެ ބޮޑަށް، އިޖްތިމާއީ ހަރަކާތެއް. އެހެންވެ ވީހާ ވެސް ގިނަ ގައުމެއް ބައިވެރިކުރުން މުހިއްމު."