10 ޖޫން 2018 - 10:57

ޖޭމްސް ބޮންޑްގެ ފިލްމްތައް ތައާރަފުވެގެން އައި އިރު، ބޮންޑްގެ ފިލްމެއްގައި އެންމެ ފުރަތަމަ ބަތަލާގެ ރޯލް ކުޅުނު އިނގިރޭސިވިލާތުގެ ބަތަލާ ޔޫނިސް ގޭޒަން މަރުވެއްޖެ އެވެ.
އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އާއިލާ އިން ބުނެފައިވާ ގޮތުގައި 90 އަހަރުގައި ގޭޒަން މަރުވީ ހުކުރު ދުވަހު އެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
ޔުނިސް ވަނީ ބޮންޑްގެ ދެ ފިލްމެއްގައި ބޮންޑް ގާލްގެ ރޯލް ކުޅެފަ އެވެ. އެއީ އިނގިރޭސީ ޖާސޫސީ އެޖެންޓް ޖޭމްސް ބޮންޑް ވުޖޫދަށް އައި ޑރ. ނޯ (1962) އާއި ޖެހިގެން އައި އިރު ރިލީޒް ކުރި ފްރޮމް ރަޝިއާ ވިތު ލަވް (1963) އެވެ. އެ ދެ ފިލްމްގައި ބޮންޑްގެ ރޯލް ކުޅުނީ ސޯން ކޮނެރީ އެވެ.
ދެ ފިލްމްގައި ގައި ޔުނިސް ކުޅުނު ސިލްވިއާ ޓްރެންޗްގެ ކެރެކްޓާއަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލުވި ރޯލެކެވެ. އަދި ބޮންޑް ގާލް ކެރެކްޓާ އިން ޔުނިސް ވަނީ ފަރިކަމާއި ޖާދުވީކަން ވެސް ވަރަށް ބޮޑަށް ދައްކުވައި ދީފަ އެވެ.
ބޮންޑްގެ ފިލްމްތައް މިހާރު ޕްރޮޑިއުސް ކުރާ ބާބަރާ ބްރޮކޮލީ އާއި މައިކަލް ޖޭ ވިލްސަން މި ޚަބަރާ އެކު ނެރުނު ބަޔާނެއްގައި ވަނީ އާއިލާ އަށް ތައުޒިޔާ ފޮނުވައި، ގޭޒަންގެ ހަނދާންތައް އާކޮށްފަ އެވެ.
ފިލްމްތަކުގެ އިތުރުން ގެޒަން ވަނީ ޓީވީ ސިލްސިލާތައް ވެސް ކުޅެފަ އެވެ. ބޮންޑްގެ ފުރަތަމަ ދެ ފިލްމްގައި ބަތަލާގެ ރޯލް ކުޅުމަށް ފަހު، އޭނާ ފަހުން މުޅިން ވެސް ފެނިފައި ވަނީ ޓީވީ ޝޯތަކުންނެވެ.
އޭގެ ތެރޭގައި ދަ ސެއިންޓް (1963)، ޑޭންޖާ މޭން (1964) އަދި ދި އެޑްވެންޗާ (1972) ހިމެނެ އެވެ. ގެޒަން އެންމެ ފަހުން ފެނިފައި ވަނީ 2013 ގެ "މާސްޓަ ޝެފް" އިންނެވެ.
ޔުނިސްގެ ހުރީ އެންމެ ދަރިއެކެވެ. އެއީ ކޭޓް ގެޒަން، 47، އެވެ.