ފްރާންސް އެއްވަރުވިއިރު ސްޕެއިނަށް މޮޅެއް
ފްރާންސް އެއްވަރުވިއިރު ސްޕެއިނަށް މޮޅެއް

ލިޔޯން، ފްރާންސް (ޖޫން 10) - ވޯލްޑް ކަޕުގެ ކުރިން ފްރާންސް ކުޅުނު ފަހު މެޗުން އެމެރިކާއާ 1-1 އިން އެއްވަރުވިއިރު، ސްޕެއިން ކުޅުނު މެޗުން ޓިއުނީޝިއާ އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

ފްރާންސްގެ ލިޔޯނުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ހުއްޓައި އެމެރިކާ އަށް ލީޑު ލިބުނީ ޖޫލިއަން ގްރީން ޖެހި މޮޅު ގޯލުންނެވެ. އޭގެ ކުރިން ލީޑުނަގަން ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި އެންޓޮއިން ގްރީޒްމަން ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ފްރާންސުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. ބެންޖަމިން ޕާވާޑް އަރިމަތިން ނަގައިދިން ހުރަހަކުން އެމްބާޕޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފަހުކޮޅުގައި ފްރާންސުން އިތުރު ލަނޑެއް ޖެހުމަށް މަސައްކަތްކުރި ނަމަވެސް ކާމިޔާބު ނުވި އެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ އެމެރިކާ އިން ދެއްކި ކުޅުމަށް ތައުރީފްކުރާ ކަމަށާއި އެކަމު މެޗުގެ ނަތީޖާ އިންސާފުވެރި ނޫން ކަމަށެވެ.

"އެމެރިކާ ފެނުނީ ވަރަށް އޮގަނައިޒްކޮށް. އެކަމު މެޗުން މޮޅުވާ ވަރަށް އަހަރެމެންނަށް ފުރުސަތު ލިބުނު. ވޯލްޑް ކަޕްގައި މި އަށް ވުރެ ރަނގަޅަށް ކުޅެން ޖެހޭ. މިއީ އަހަރެމެންގެ ލެެވެލެއް ނޫން،" ޑެޝޯމްޕްސް ބުންޏެވެ.

ސްޕެއިން ކުޅުނު މެޗުން އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ސެލްޓާ ވިގޯގެ ފޯވާޑް އިއާގޯ އަސްޕަސް އެވެ. ކުރިން ލިވަޕޫލަށް ކުޅުނު އަސްޕަސް މި ލަނޑު ޖެހީ އޭރިއާ ތެރެއިން ޑިއޭގޯ ކޮސްޓާ ދިން ބޯޅައަކުންނެވެ.

މި މެޗުން ސްޕެއިން މޮޅުވިއިރު، މިއީ އެ ޓީމުން ޖެހިޖެހިގެން ބަލިނުވެ ފުރިހަމަކުރި 20 ވަނަ މެޗެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނިއުކާސަލްގެ ފޯވާޑް އަލެކްސަންޑަ މިޓްރޮވިޗްގެ ހެޓްރިކާ އެކު ސާބިއާ ވަނީ 5-1 އިން ބޮލިވިއާ ބަލިކޮށްފަ އެވެ. އެސްޓޯނިއާ އަތުން 3-1 އިން މޮރޮކޯ މޮޅުވިއިރު، އޮސްޓްރޭލިއާ ވަނީ 2-1 އިން ހަންގޭރީ ބަލިކޮށްފަ އެވެ.