ހަށިގަނޑުގެ ފިނިހޫނުމިނާ ކުޅެލާ ގަޑިއެއް
ހަށިގަނޑުގެ ފިނިހޫނުމިނާ ކުޅެލާ ގަޑިއެއް

ހޫނުގަދަ ދުވަހަކު މަގުމަތީގައި އުޅެފައި ދާހިއްލާ ފޯވެގެން ގޮސް އޭސީ ތަނަކަށް ވަންނަ އިރަށް އެތަން އަނެއްކާ މާ ބޮޑަށް ފިނިވެދާނެ އެވެ. ހެޔޮ އެއް ގޮތެއްވެސް ނެތެވެ. އެކަމަކު އިންސާނުން އުފައްދަވާފައިވަނީ އެ އިރަކު ކުރިމަތިވާ ފިނިހޫނުމިނަކަށް ހޭނޭ ގޮތަށެވެ. މައްސަލައަކީ ބައެއް މީހުންނަށް ފިނިހޫނުމިނުގެ ބަދަލަށް ކެތްކުރުމުގެ ހިތްވަރު ދެރަވުމެވެ.

އެމްބާ ލެބްސްގެ އުފެއްދުމެއް ކަމަށްވާ އެމްބާ ވޭވްސްއަކީ އަތުގައި އަޅާ ގަޑިއެކެވެ. މީގެ ހަމައެކަނި މަގްސަދަކީ މޫސުމަށް މީހާ ހާނާލުމެވެ. ހޫނުވަންޏާ ފިނިކޮށްލުމެވެ. ފިނިވަންޏާ ހޫނުކޮށްލުމެވެ.

ފަރަންސޭސި އިލްމްވެރިޔެއްކަމަށްވާ ޜޯން ޗާލްސް ޕެލްޓިއޭ 1834 ވަނަ އަހަރު ހޯދި ހޯދުމެއް އަސްލަކަށް ބަލައިގެން އުފެއްދި މިގަޑިން ކުރާ ކަމަކީ އަތުގެ ކުޑަ ހުޅަށް ފިނިކަން ނުވަތަ ހޫނުކަން އިހުސާސްކުރުވަނީއެވެ. ނަތީޖާއެއްގެ ގޮތުން މުޅި ހަށިގަނޑަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ވެރިކުރުވައެވެ. މިސާލަކަށް، ވިއްސާރަ، ފިނި ދުވަހަކު ހޫނު ސައިތަށްޓެއްގައި އަތް ޖައްސާލުމުން އަތަށް އެ ވާ ހޫނަކުން މުޅި ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ އަރާމެއް އިހުސާސްވެއެވެ. ނުވަތަ ހޫނު ގަދަ ދުވަހަކު ޖޫސްޕެޓީއެއް ބޯލަން އުޅޭއިރު އަތަށް ވާ ފިންޏަކުން މުޅި މީހާއަށް ފިނިކަން އިހުސާސްކުރުވައެވެ. އެމްބާ ވޭވުން ކުރާ ކަމަކީ މިއީއެވެ.

މި ގަޑި ފަރުމާކޮށްފައިވަނީ އަތުގައި އަޅައިގެން ހުންނައިރު އެންމެ ފިތަކުން އަތުގެ ކުޑަހުޅަށް ފޮނުވާލާ އިހުސާސް ބަދަލުކުރެވޭ ގޮތަށެވެ. ފިނިކުރަން ބޭނުމިއްޔާ މޫނުމަތިން ފެންނާނީ ނޫކުލައިގެ ރޮނގެކެވެ. ހޫނުކުރާ ނަމަ ފެންނާނީ ރަތްކުލައިގެ ރޮނގެކެވެ. ފިނިކޮށްލުމަށް ފިތަށް އޮބާލުމުން އަތުގެ ކުޑަހުޅުމައްޗަށް ގަނޑުފެންތަށްޓެއް އޮއްސާލާހެން ހީނުވެދާނެއެވެ. އެކަމަކު ފިނިވަމުންދާނީ މަޑުމަޑުން ރާޅުބާންޏެއްހެންނެވެ.

ހޫނަށް ބަދަލުކުރުމުން ވެސް އެ އިހުސާސް އަންނާނީ އެގޮތަށެވެ. ސަބަބަކީ އިންސާނުން އުފައްދަވާފައިވާ ގޮތުން ފިނިހޫނުމިނަށް ހޭނުމަކީ އުނދަގޫކަމެއް ނޫނެވެ. ބައެއް މީހުންނަށް އެކަން އެހާ އަވަހަށް ނުވަނީއެވެ.