ޒާހިރު ނަސީރު އަވަހާރަވެއްޖެ
ޒާހިރު ނަސީރު އަވަހާރަވެއްޖެ

ދިވެހި ކުޅިވަރަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިވާ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް މުހައްމަދު ޒާހިރު ނަސީރު ރޭ ފަތިހު އަވަހާރަވެއްޖެ އެވެ.

އުމުރުން 87 އަހަރުގައި ޒާހިރު ނަސީރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ.

އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކު މިއަދު ވިދާޅުވީ، ޒާހިރު ނަސީރުގެ ހަށިގަނޑުގެ ހަރަކާތްތައް ހުއްޓުމާ ގުޅިގެން ރޭ ފަތިހު އައިޖީއެމްއެޗަށް ގެންދެވި ކަމަށެވެ.

"ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ އަވަހާރަވެފައި،" އޭނާ ވިދާޅުވި އެވެ.

ޒާހިރު ނަސީރަށް ނޫސްވެރިކަމުގެ ޝަހުސިއްޔަތުގެ އެވޯޑް، މޯލްޑިވްސް މީޑިއާ ކައުންސިލުން މި މަހުގެ ތިންވަނަ ދުވަހު އަރުވައިފަ އެވެ. އެމަނިކާފު ވަނީ ދިވެހި ނޫސްވެރިކަމުގެ ޅަފަތުގެ ދައުރުން ފެށިގެން އެ ދާއިރާ އަށް ވެސް ނުހަނު ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އުފެދުނީއްސުރެ 2008 ވަނަ އަހަރުގެ ނިޔަލަށް އެ ކޮމިޓީގެ ރައީސްކަން ކުރެއްވި ޒާހިރު ނަސީރަކީ ރާއްޖޭގައި ގިނަ ކުޅިވަރުތަކެއް އާލާކުރެއްވުމުގައި ގިނަގުނަ މަސައްކަތްތަކެެއް ކުރެއްވި ބޭފުޅެކެވެ. އެމަނިކާފު ވަނީ ބައިނަލްއަގްވާމީ ކުޅިވަރު ޖަމިއްޔާތަކުގެ އިސް މަގާމްތައް ވެސް ފުރުއްވައިފަ އެވެ.

ދައުލަތުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވާފައިވާ ޒާހިރު ނަސީރަށް ވަނީ ކުޅިވަރަށް ހިދުމަތްކުރުމުން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ވެސް ލިބިވަޑައިގެންފަ އެވެ. މީގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެޑެރޭޝަނުގެ މެރިޓް އެވޯޑް ވެސް އެމަނިކާފުނަށް ވަނީ އަރުވައިފަ އެވެ.

ޒާހިރު ނަސީރަކީ ދިވެހި ސަރުކާރުން ސިލޯނަށް އެންމެ ފުރަތަމަ ކިޔަވަން ފޮނުވި ކުދިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެމަނިކާފުނަކީ ރާއްޖޭން އެންމެ ފުރަތަމަ ލޭ ހަދިޔާކުރެއްވި ފަރާތެވެ. އެ ޒަމާނުގައި ލޭ ހަދިޔާކުރަން ފަސްޖެހިފައި ތިބި ދިވެހިންނަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްވަރަކީ ޒާހިރު ނަސީރެވެ.