ދެ އިވެންޓަކުން ރާއްޖެ ފައިނަލަށް، ބޮޑު ކާމިޔާބެއް!
ދެ އިވެންޓަކުން ރާއްޖެ ފައިނަލަށް، ބޮޑު ކާމިޔާބެއް!

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުން ދެ އިވެންޓަކުން ފައިނަލުގެ ޖާގަ ހޯދައިފި އެވެ. އެއީ އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓުންނެވެ. މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން އިވެންޓެއްގައި ރާއްޖެ އަށް ލިބުނު ނިސްބަތުން ބޮޑު ކާމިޔާބީއެކެވެ.

ދެ އިވެންޓަކުން ރާއްޖެ ފައިނަލަށް، ބޮޑު ކާމިޔާބެއް!
ދެ އިވެންޓަކުން ރާއްޖެ ފައިނަލަށް، ބޮޑު ކާމިޔާބެއް!

އަންހެން ޑަބަލްސް އިވެންޓުން ފައިނަލަށް ދިޔައީ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ އެވެ. މިކްސް ޑަބަލްސް ބައިން ފައިނަލުގެ ފުރުސަތު ހޯދީ މުހައްމަދު ސާރިމް އާއި އައިމިނަތު ޝަހުރުނާޒްގެ ޕެއާ އިންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ މި އިވެންޓުން ލޯ މެޑަލް ހޯދި ނަބީހާ އާއި ނަބާހާގެ ޕެއާ މި ފަހަރު ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގައި މޮރިޝަސްގެ ޖެމީމާ ލެއުގް އާއި ގަނޭޝާ މުންގްރާގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. މެޗުގެ ސެޓުތައް ދިޔައީ 21-18، 14-21، 21-08 އިންނެވެ.

ނަބީހާ އާއި ނަބާހާ ވަނީ 2017 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި އޮތް ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިފަ އެވެ. އެއީ ސަރަހައްދީ ފެންވަރުގައި އޯޕަން އިވެންޓަކުން ބެޑްމިންޓަނުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ މެޑެއްޔެވެ.

މިކްސް ޑަބަލްސް ބައިން ސާރިމް އާއި ޝަހުރުނާޒްގެ ޕެއާ ފައިނަލަށް ދަތުރުކުރީ ކަބީލް ޓީލުކް އާއި ގަނޭޝާ މުންގްރާ ބަލިކުރުމަށް ފަހު އެވެ. ސާރިމް އާއި ޝަހުރުނާޒްގެ ޕެއާ އިން އެ މެޗުގެ ސެޓުތައް ގެންދިޔައީ 21-10، 21-15 އިންނެވެ.

މޮރިޝަސް މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖޭގެ އިތުރު ދެ ޕެއާ އެއް ވަނީ އެހެން ދެ އިވެންޓުގެ ސެމީ ފައިނަލުގައި ކުޅެ، ލޯ މެޑަލް ހާސިލްކޮށްފަ އެވެ. އެއީ ފިިރިހެން ޑަބަލަސް އާއި މިކްސް ޑަބަލްސް އެވެ. އެއީ ފިރިހެން ޑަބަލްސް ބައިން މުހައްމަދު އަޖުފާން އާއި އަހުމަދު ތޯއިފްގެ ޕެއާ އަދި މިކްސް ޑަބަލްސް ބައިން ތޯއިފް އާއި ނަބީހާގެ ޕެއާ އެވެ.

ސެމީ ފައިނަލުގައި އަޖުފާން އާއި ތޯއިފްގެ ޕެއާ ބަލިވީ މެލޭޝިއާގެ ޔޮން ޗައި އާއި ކައި ވުން އަތުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 11-21، 16-21 އިންނެވެ. މިކްސް ޑަބަލްސް ބައިގައި ތޯއިފް އާއި ނަބީހާގެ ޕެއާ ބަލިވީ އެއް ވަނަ އަށް ސީޑްކޮށްފައިވާ ޖޫލިއެން އާއި އައުރެލީގެ ޕެއާއާ ވާދަކޮށެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-14، 21-18 އިންނެވެ.

މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ މާދަމާ އެވެ.