އޭސީއާރްއީގެ މެމްބަރުކަން ޕީޕީއެމަށް ލިބިއްޖެ
އޭސީއާރްއީގެ މެމްބަރުކަން ޕީޕީއެމަށް ލިބިއްޖެ

ޔޫރަޕްގެ އިއްތިހާދުގެ ތެރޭގައިި ހަރަކާތްތެރިވާ ސިޔާސީ އަދި އިގްތިސާދީ ވިސްނުމުގެ ޖަމާއަތެއް ކަމަށްވާ އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭސީއާރްއީ) ގެ މެމްބަރުކަން ޕީޕީއެމަށް ލިބިއްޖެ އެވެ.

އޭސީއާރްއީގެ މެމްބަރު ކަން، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމަށް ލިބުނުކަން ހާމަ ކުރެއްވީ މިހާރު ސައިޕްރަސް ގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލެވެ. އޭނާ ކުރެއްވި ޓްވީޓްގައިވާ ގޮތުން އެ ޖަމާއަތުގެ މެމްބަރު ކަން ޕީޕީއެމަށް މިހާރު ވަނީ ރަސްމީކޮށް ލިބިފަ އެވެ.

އޭސީއާރްއީ އަކީ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތައް އެކަތިގަނޑަކަށް ހަދައި، ޔޫރަޕްގެ އިއްތިހާދުގެ ކަންކަން އިސްލާހު ކުރަން އޮކްޓޫބަރު، 2009 ގައި އެކުލަވާލި ޖަމާއަތެކެވެ. އެ ޖަމާއަތުގައި އެކި ގައުމުތަކުން 24 މެމްބަރުން ތިބޭއިރު، އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީ އާއި އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ ވެސް ހިމެނެ އެވެ. ޔޫރަޕިއަން ޕާލިމެންޓުން 2010 ވަނަ އަހަރު ވަނީ އެ ޖަމާއަތް ބަލައިގެންފަ އެވެ.