ދީޕިކާ ކަރީނާއާ ދިމާކޮށްލީތަ؟
ދީޕިކާ ކަރީނާއާ ދިމާކޮށްލީތަ؟

ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން އެންގޭޖްވެއްޖެކަމަށް ބުނެ ފެތުރެމުންދިޔަ އަޑުތައް ކަނޑުވާލުމަށް ދީޕިކާ ދާދިފަހުން ދިން އިންޓަވިއުއެއްގައި އޭނާ ކައިވެނި ނުކުރާ ކަމަށާއި އެންގޭޖް ވެސް ނުވާ ކަމަށާއި އެހާ އަވަހަށް ކައިވެންޏެއް ވެސް ކުރަން ނޫޅޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި ބަނޑު ބޮޑު ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދީޕިކާ މި ވާހަކަ ދެއްކީ އޭނާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބުދާރީ ވާން ކަމުގައި ވިޔަސް ފިލްމީ ތަރި ކަރީނާ ކަޕޫރަށް ވިސްނުނީ މިއީ އޭނާއާ ޒާތީ ގޮތުން ދީޕިކާ ބެހުން ކަމަށެވެ.

މިކަމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ބުނެފައިވާ ގޮތުގައި ދީޕިކާ އެ ވާހަކަ ދެއްކީ އޭނާ އާއި ރަންވީރާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވޭތީ ކަމަށް ވިޔަސް އެއްވެސް މީހަކު ދީޕިކާ ބަނޑުބޮޑޭ ކިޔައިގެން އެއްވެސް ވާހަކައެއް ނުދައްކަނީސް އެކަމާ ބެހޭ ގޮތުން ދެއްކި ވާހަކަ އަކީ ކަރީނާއާ ޒާތީ ގޮތުން ދިމާކުރުން ކަމަށް ކަރީނާ ދެކެ އެވެ. ކައިވެނިކޮށްގެން ބަނޑުބޮޑުވާ ބަތަލާއިން ފިލްމީ ކެރިއަރަށް އިތުރަށް ސީރިއަސް ނުވާކަން ދައްކަން ދީޕިކާ މަސައްކަތް ކުރީ ކަމަށް ވެސް ކަރީނާ ގަބޫލުކުރެ އެވެ.

ކަރީނާ ބޭނުން ވަނީ އެކަން ހިނގަނީ އެގޮތަށް ނޫންކަން ސާބިތުކޮށްދޭށެވެ. ކައިވެނި ކުރިޔަސް އަދި ދަރިން ލިބުނަސް ފިލްމީ ކެރިއަރަށް ނިމުމެއް ގެންނަން ނުޖެހޭނެކަމަށް ކަރީނާ ގަބޫލުކުރެ އެވެ.

ބޮޑު ބަނޑަކާއެކު ވެސް "ވީރް ދީ ވެޑިން" ކުޅެން ކަރީނާ އެއްބަސްވެފައި ވަނީ މި ސަބަބާ ހެދި އެވެ.
ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާން އާއި ދީޕިކާ އަކީ އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައިވާ ވަރަށް ގާތް ދެ އެކުވެރިންނެވެ. ކަރީނާ ވެސް މީގެ ކުރިން ވަރަށް ގިނައިން ދީޕިކާ އަށް ތައުރީފުކޮށް ވާހަކަ ދައްކާފައިވެ އެވެ.