އަމީރީގެ ވާހަކަތަކަށް ނިއު އިން ޖަވާބުދީފި
އަމީރީގެ ވާހަކަތަކަށް ނިއު އިން ޖަވާބުދީފި

ނިއު ރޭޑިއަންޓް ދޫކޮށް ރޭ ފުރި އަފްގާނިސްތާން ޑިފެންޑަރު ހާރޫން އަމީރީ ކްލަބާ ބެހޭގޮތުން ދައްކާފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ކްލަބަށް ނޭގި އޭނާ ފުރާފައިވާތީ އެ މައްސަލަ ފީފާ އަށް ހުށަހަޅާނެ ކަމަށް ނިއު އިން ބުނެފި އެވެ.

އަމީރީ ވަނީ އޭނާ އުޅެމުން އެޕާޓްމަންޓުން ކްލަބުން ނެރުނު ކަމަށާއި އަދި ދެ މަހުގެ މުސާރަ ނުދީ އޮތް ކަމަށް މީޑިއާގައި ބުނެފަ އެވެ. އަދި އެ މައްސަލަ ފީފާ އަށް ހުށަހަޅާނެ ކަމަށް ވެސް އަމީރީ ވަނީ ބުނެފަ އެވެ. އަމީރީ ރޭ ފުރައިގެން ދިޔައިރު އޭނާގެ ކޮންޓްރެކްޓް ކްލަބުން ބާތިލްކޮށްފައެއް ނުވެ އެވެ.

ނިއުގެ އޮފިޝަލަކު ބުނީ އަމީރީގެ އިތުރުން ކަންޑޭލާ އާއި ޖޯޖް ގޮޓޯ އަދި ކޯޗު އޮސްކާ ބްރުޒޮން އުޅެމުން އައި، ކޮންމެ މީހަކަށް ވަކިން އެޕާޓްމަންޓެއް ހުރި ލަގްޒަރީ އެޕާޓްމަންޓް ބިލްޑިން ހުސްކުރަން އެންގީ ވެރިފަރާތުން އެތަން ބޭނުންވާތީ ކަމަށާއި ބަދަލުގައި ލަގްޒަރީ އެހެން އެޕާޓްމަންޓެއް ހަމަޖައްސައިދިން ކަމަށެވެ.

"އިމާރާތުގެ ވެރިފަރާތުން ތަން ބޭނުންވާތީ ކްލަބުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އަންގައިފިން ކުޅުންތެރިންނާއި ކޯޗަށް އެތަން ހުސްކުރަން. އަދި ބަދަލުގައި ކޯޗަށް ވަކިން އެޕާޓްމަންޓެއް އަދި އަމީރީ އާއި ބިދޭސީ ދެ ކުޅުންތެރިންނަށް އަމީން އެވެނިއު އިން ތިން ކޮޓަރީގެ އެޕާޓްމަންޓެއް ހަމަޖައްސައިދިނިން،" އޮފިޝަލް ބުންޏެވެ.

އަދި މޭ 4 ވަނަ ދުވަހު ކޯޗު އާ އެޕާޓްމަންޓަށް ބަދަލުުކުރުމަށް ފަހު ބިދޭސީ ކުޅުންތެރިން ބަލައި ދިޔައިރު އަމީރީ ފިޔަވައި އަނެއް ދެ ކުޅުންތެރިން ތިބީ ބަދަލުވާން ތައްޔާރުގައި ކަމަށާއި އެކަމަކު އަމީރީ އެތަނުން ނުކުންނަން ބޭނުންނުވީ ކަމަށެވެ.

"އަމީރީ ޑިމާންޑްކުރީ ކުރިން ވެސް ހުރި ގޮތަށް އޭނާ އަށް ވަކިން އެޕާޓްމަންޓަކަށް. އެކަމަކު އަޅުގަނޑުމެން ބުނިން ކޮންޓްރެކްޓުގައި ނޯންނާނެކަމަށް ވަކި އެޕާޓްމަންޓެއް ދޭ ވާހަކަ. އަދި މިހާރު ވެސް މި ހަމަޖައްސައިދެނީ ކޮންމެ ކުޅުންތެރިއަކަށް ވަކިން ކޮޓަރިއެއް ލިބޭ ގޮތަށް ހުރި ލަގްޒަރީ އެޕާޓްމަންޓެއް ކަމަށް. އެކަމަކު އޭނާ ބޭނުމެއް ނުވި އެގޮތެއް. އެ ނޫން ގޮތަކަށް އެތަނުން ނުކުންނަން ބޭނުމެއްނުވި. އެހެންވިޔަސް އަޅުގަނޑުމެން ބުނިން އެރޭ 12 އަށް ތަން ހުސްކުރަން ޖެހޭ ކަމަށާއި ކޮންމެ ގޮތަކުން ވެސް ބަދަލުވާން ޖެހޭ ކަމަށް. އެ ހިސާބުން އޭނާ އަމިއްލަ އަށް ހޮޓަލަކަށް ބަދަލުވީ،" އޮފިޝަލް ބުންޏެވެ.

އޭނާ ބުނީ އަމީރީ އަށް ދެ މަހުގެ މުސާރަ ނުދީ ނޯންނާނެ ކަމަށާއި މޭ މަހުގެ މުސާރަ ދޭން އޮންނަނީ ޖޫން 10 ވަނަ ދުވަހުގެ ކުރިން ކަމަށާއި 7 ވަނަ ދުވަހު މުސާރަ ދިނުމުން އޭނާ ނުހިފި ކަމަށެވެ. އޭނާ މުސާރައިގައި ނުހިފީ، ކޮންޓްރެކްޓް ބާތިލްނުކުރާތީ އެ މައްސަލަ ފީފާ އަށް ހުށަހެޅުމަށްޓަކައި ކަމަށް އޮފިޝަލް ތުހުމަތުކުރެ އެވެ.

"އަޅުގަނޑުމެން ބިދޭސީ ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް ކަންތައްކޮށްދެމުން އައީ. ދަނޑު ބޭރުގައި އަމީރީގެ މައްސަލަތަކެއް ފާހަގަކުރެވޭ. އެކަމަކު އޭނާ އަކީ ދަނޑުމަތީގައި ވަރަށް ކޮމިޓްމަންޓް ރަނގަޅު ކުޅުންތެރިއަކަށްވާތީ އޭނާ އަށް އަޅުގަނޑުމެން ވަރަށް ރަނގަޅަށް މިހާތަނަށް ވެސް ކަންތައްތައް ކޮށްދެމުން އައީ،" އޮފިޝަލް ބުންޏެވެ.

އަދި އަމީރީ އެކަންކަމަށް ޑިމާންޑްކުރާތީއާ އެކު، ކްލަބުގައި އެ މަގާމަށް ކުޅޭނެ އެހެން ދިވެހި ކުޅުންތެރިން ތިބުމުން އޭނާ ބަހައްޓަން ކްލަބުން ބޭނުންނުވި ކަމަށް އޭނާ ބުންޏެވެ. އެކަމަކު ފުރައިގެން ދިޔައީ ސީދާ ގޮތެއް ނުނިންމަނީސް ކްލަބަށް ނޭގި ކަމަށާއި އެ މައްސަލަ ފީފާ އަށް ލިޔާނެ ކަމަށް އޮފިޝަލް ބުންޏެވެ.