09 ޖޫން 2018 - 15:58

އެންމެ އާދައިގެ މީހުން ވެސް އަތް ފޯރާ އަގެއްގައި ޓިކެޓް ގަނެގެން ސިނަމާތަކަށް ވަދެ، ފިލްމްތައް ބެލޭނެ މަގުފަހިކޮށް ދިނުމުގެ ގޮތުން ސަލްމާން ހާން "ސަލްމާން ޓޯކީޒް" ގެ ނަމުގައި ތިއޭޓަރު ޗެއިނެއް ލޯންޗްކޮށްފި އެވެ.
މި ޕްރޮޖެކްޓްގެ ދަށުން މުމްބާއީގައި އިމާރާތް ކުރާ ފުރަތަމަ ސިނަމާގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ޕްރޮޑިއުސްކޮށް، އޭނާގެ ޅިޔަނު އާޔޫޝް ޝަރްމާ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމް އޮކްޓޯބަރުގައި ރިލީޒް ކުރަންވާއިރަށް އެ ސިނަމާގެ މަސައްކަތް ނިންމާނެ އެވެ.
"ސަލްމާން ޓޯކީޒް" ގެ ދަށުން 10 އަހަރުގެ ތެރޭގައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ސިނަމާތައް ގާއިމު ކުރަން ވަނީ ނިންމައިފަ އެވެ. މި ކަމުގެ ސަބަބުން ސިނަމާތަކަށް ވަންނަ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މި ސިނަމާތަކުގައި ފިލްމް ބެލުމުގެ ފުރުސަތު ހާއްސަ އެހީއަށް ބޭނުންވާ އެކި ކަހަލަ ކުދިންނަށް ވެސް ހިލޭ ޓިކެޓާ އެކު ފުރުސަތު ދޭނެ އެވެ.
އިންޑިއާގެ ސިނަމާތަކުގައި އަޅުވާ ފިލްމްތަކުގެ ޓިކެޓް މިހާރު އާންމުކޮށް ވިއްކަނީ 400-500 ރުޕީސްއާ ދެމެދުގަ އަގުތަކެއްގަ އެވެ. އެކަމަކު "ސަލްމާން ޓޯކީޒް" ގެ ދަށުން ސިނަމާތައް އުފެދިގެން އަންނަ އިރު، އެއަށް ވުރެ މާ ދަށް އަގުތަކުގައި ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ އެވެ.
ސިނަމާގެ ވިޔަފާރީގެ ތެރެއަށް ސަލްމާން ވަން އިރު، އޭނާ ވަނީ މި މަހުގެ 15 ގައި ރިލީޒް ކުރާ "ރޭސް 3" އާ އެކު ފިލްމް ޑިސްޓްރިބިއުޝަން ވިޔަފާރީގެ ތެރެއަށް ވެސް ވަދެފަ އެވެ.
އަދި ޒުވާން އެކްޓަރުންނަށް ފުރުސަތުތައް ތަނަވަސްކޮށް ދިނުމުގެ ގޮތުން އަމިއްލަ ފިލްމް ކުންފުނި އެސްކޭއެފުން ފިލްމްތައް ޕްރޮޑިއުސް ކުރުމުގެ އިތުރަށް، ޓީވީ ޝޯތައް އުފެއްދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ސަލްމާންގެ "ބީން ހިއުމަން" ފައުންޑޭޝަކީ މިހާރު ވެސް އެކި ކަހަލަ ވިޔަފާރިކޮށް، އެތައް ބަޔަކަށް އެހީ ފޯރުކޮށް ދެމުން އަންނަ ފައުންޑޭޝަނެކެވެ.